ކާބުލް (ސެޕްޓެމްބަރު 24): އަފްޣާނިސްތާނުގެ ހެލްމަންޑު ޕްރޮވިންސުގައި ތާލިބާނުންނަށް އަމާޒުކޮށް އެގައުމުގެ ސިފައިން ދިން ހަމަލާއެއް ކައިވެނި ހަފްލާއަކަށް އަމާޒުވެ، 40 މީހަކު މަރުވެއްޖެ އެވެ.

ހެލްމަންޑް ޕްރޮވިންސުގެ ކައުންސިލުން ބުނި ގޮތުގައި އާދިއްތަ ދުވަހުގެ ރޭ އަފްޣާން ނެޝަނަލް ސެކިއުރިޓީ ފޯސެސްއިން ދިން ހަމަލާގައި ގިނައިން މަރުވީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އެހަމަލާގައި 18 މީހަކަށް އަނިޔާވި ކަމަށާއި އެ އެންމެންނަކީވެސް އާއްމު ރައްޔިތުން ކަމަށް ބުނެފަ އެވެ.

އޭގެ ފަހުން އަފްޣާން ޑިފެންސް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން ހެލްމަންޑުގެ މޫސާ ގާލާ ޑިސްޓުރިކްޓުގައި އެގައުމުގެ ސިފައިން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި ތާލިބާނުގެ 22 ހަނގުރާމަވެރިންވެސް މަރުވި އެވެ. އަދި ސިފައިން ވަނީ އެޖަމާއަތަށް ނިސްބަތްވާ 14 މީހަކު ހައްޔަރުކޮށްފަ އެވެ.

އަފްޣާން ސަރުކާރުން މިހާރު ވަނީ އެހަމަލާ ތަހުގީގު ކުރުމަށް ޑެލިގޭޝަނެއް ފޮނުވާފަ އެވެ.

އަފްޣާނިސްތާނުގައި މިމަހުގެ 28ގައި ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް ތާލިބާނުން ވަނީ އެއިންތިހާބުގައި މީހުން ވޯޓުލުން ހުއްޓުވުމަށްޓަކައި ހަމަލާތައް އިތުރު ކުރަމުންދާނެ ކަމަށް ބުނެފަ އެވެ.

އަދި އެޖަމާއަތާ ދެކޮޅަށް އަފްޣާން ސިފައިން ދެމުންދާ ހަމަލާތަކުގައި އާއްމު ރައްޔިތުންވެސް މަރުވާތީ އެގައުމަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ.

އެގޮތުން އދ.އިން އޭޕްރިލް މަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން އަފްޣާން ސިފައިންނާއި ބޭރު ގައުމުތަކުގެ ސިފައިން ގުޅިގެން މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެގައުމުގައި ދިން ހަމަލާތަކުގައި މަރުވި އާއްމު ރައްޔިތުންގެ އަދަދު، ތާލިބާނުން އެމުއްދަތުގައި ދިން ހަމަލާތަކުގައި މަރުވި އާއްމު ރައްޔިތުންނަށް ވުރެ އިތުރެވެ.