ޝަހުސު އޮޅުވަލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީ އަންހެނަކު ހުއްޓުވައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ނަކަލުކޮށްފައިވާ (ކައުންޓަފީޓް) ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީ އަންހެނަކު އިމިގްރޭޝަނުން ހުއްޓުވާފައިވާ ކަމަށެވެ. އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އިމިގްރެޝަނުން ހާމައެއް ނުކުރެ އެވެ.

ޝަހުސު އޮޅުވާލައިގެންނާއި ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސިން މި ފަހަކަށް އައިސް އިމިގްރޭޝަނުން ދަނީ ހުއްޓުވަމުންނެވެ.

އެގޮތުން އާދިއްތަ ދުވަހުގެރޭ ވެސް ސައްހަ ޕާސްޕޯޓަށް ބަދަލުގެނެސް ފޯޖުކޮށްގެންނާއި ނަކަލުކޮށްފައިވާ ކައުންޓާފިޓް ޕާސްޕޯޓު ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރި ތިން ބިދޭސީއަކު އިމިގްރޭޝަނުން ވަނީ ހުއްޓުވައިފަ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިން އުޅެމުންދާއިރު ވިސާ އާއި ހިލާފުވި ބިދޭސިންތަކެއް ވެސް މިފަހުން ވަނީ ޑީޕޯޓުކޮށްފަ އެވެ.

ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން 50،000 އަށް ވުރެ އިތުރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ އިއްޔެ ވިދާޅުވެފަ އެވެ. އެ މީހުންނަށް ދެވަނަ ފުރުސަތެއް ދީ ގާނޫނުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ވަނީ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.