ޕްރިޓޯރިއާ (ނޮވެމްބަރު 12) : އަވަހާރަކޮށްލާފައިވާ ލީބިއާގެ ކުރީގެ ޒަޢީމް ކާރނަލް މުއައްމަރުލްގައްޒާފީގެ ދަރިކަލެއް ކަމަށްވާ އައްސާޢިދީގައްޒާފީއަށް ނައިޖަރުން ޙިމާޔަތާއި ރައްކާތެރިކަން ދީފިކަން އެޤައުމުގެ ރައީސް މަޙްމޫދް ޔޫސުފޫ ކަށަވަރުކޮށް ދެއްވައިފިއެވެ. ދެކުނު އެފްރިކާއަށް ކުރަައްވާ ދަތުރުފުޅެއްގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޔޫސުފޫ ވިދާޅުވީ އައްސާޢިދީގައްޒާފީއަށް ޙިމާޔަތްދިނީ އިންސާނިއްޔަތަށްޓަކައި ކަމަށާއި އެހެން ބޭނުމެއް މިކަމުގައިނެތް ކަމުގައެވެ. ލީބިޔާއަށް އެނބުރި ދިޔުމަކީ އައްސާޢިދީގެ ފުރާނާއަށް ނުރައްކާވެދާނެ ކަމެއްކަން ޤާބޫލުކުރެވޭއިރު އެހެން ޤައުމަކުން އައްސާޢިދީއަށް ޙިމާޔަތްލިބޭނެކަމުގެ ޔަގީންކަން ނެތުމަކީ އޭނާއަށް ޙިމާޔަތްދިނުމަށް ނިންމި ސަބަބުކަމަށާއި ޙާލުގައިޖެހިފައިވާ އަވަށްޓެރި މުސްލިމަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަކީ އިސްލާމީ އުސޫލެއްގެ އިތުރުން ބައިނަލްއަޤްވާމީ އަޚްލާޤުވެސް ތަންދޭކަމެއް ކަމަށް ޔޫސުފޫ ވިދާޅުވިއެވެ.

ފިއްލަވައިގެން އުޅުއްވާ ގައްޒާފީގެ އެހެން ދަރިކަލެއް ކަމަށްވާ ސައިފުލްއިސްލާމް ވީތަނެއް ނޭނގޭކަމަށާއި އޭނާ ނައިޖަރަށް ވަންކަން ނުވަތަ ނޫންކަން އެނގިފައިނުވާކަމަށްވެސް ނައިޖަރުގެ ރައީސް ވިދާޅުވިއެވެ. ޙާލުގައި ޖެހިގެން ސައިފްވެސް ނައިޖަރަށް ވަޑައިގެންފިނަމަ އޭނާއާމެދު މުޢާމަލާތްކުރާނެ ގޮތަކާމެދުވެސް ނައިޖަރުން ވިސްނާނެކަމަށް ޔޫސުފީ ވިދާޅުވި އެވެ.

އުމުރުން 38 އަހަރުގެ އައްސާޢިދީގެ ބައްޕާފުޅު މުޢައްމަރުލް ޤައްޒާފީގެ ވެރިކަން ވެއްޓުމާ އެކު ލީބިޔާ ދޫކުރައްވައި ފިއްލަވައިގެން އޭނާ ނައިޖަރަށް ވަޑައިގެންފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. ލީބިޔާގެ އިންތިޤާލީ މަޖިލީހުން އައްސާޢިދީގެ މައްޗަށް ވަނީ ލީބިޔާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ފައިސާގެ ތެރެއިން އެތައް މިލިޔަން ޑޮލަރެއް އަމިއްލަ ކޮށްލެއްވުމާއި ލީބިޔާގެ ފުޓްބޯޅަ ކުޅުންތެރިންނަށް ބިރުދެއްކެވުމުގެ ތުހުމަތުގައި އޭނާ ހިފައި ހައްޔަރުކުރުމުގެ އަމުރެއް ނެރެފަ އެވެ. ލީބިޔާގެ މިއަމުރާ ގުޅިގެން އިންޓަރޕޯލުން ވަނީ އައްސާޢިދީ ހިފައި ހައްޔަރުކުރުމުގެ ރެޑްނޯޓިސްއެއް ނެރެފަ އެވެ. މިނޯޓިސްގެ ދަށުން އޭނާ ހައްޔަރުކުރުމާއި ނުކުރުމުގެ އިޚްތިޔާރު މެންބަރު 188 ޤައުމަށް ލިބިފައިވެ އެވެ.

އައްސާއަދީ އާދެކޮޅަށް ކުރެވިފައިވާ ތުހުމަތުތަކަށް އިންސާފުވެރިކަމާ އެކު ޝަރީއަތް ހިންގާނެ ކަމުގެ ޔަގީންކަން ލިބިއްޖެ ނަމަ އޭނާ، ލީބިޔާއާ ޙަވާލުކުރުމާ މެދު ވިސްނިދާނެ ކަމަށް ނައިޖަރުގެ ރައީސް އިޝާރާތް ކުރެއްވި އެވެ.
ގައްޒާފީގެ ބޭފުޅުންގެ ތެރެއިން ލީބިޔާގެ ހަނގުރާމަވެރިން އަވަހާރަ ކޮށްލާފައި ވަނީ މުޢްތަސިމް އާއި ޚަމީސް އެވެ. އެންމެ ހަގު ދަރިކަލުން ސައިފުލްޢަރަބް އަވަހާރަވެފައި ވަނީ ނޭޓޯގެ ޙަމަލާއެއްގަ އެވެ. ސައިފުލްއިސްލާމް އުޅުއް ވަނީ ފިއްލަވައިގެންނެވެ. އަނެއް ތިންބޭފުޅުން ކަމަށްވާ މުޙައްމަދާއި ހާނީބާލް އާއި ޢާއިޝާ އަށާއި އެބޭފުޅުންގެ ޢާއިލާގެ ބޭފުޅުންނަށާއި މަންމާފުޅު ސަފިއްޔާ އަށް އަލްޖަޒާއިރުގެ ސަރުކާރުން ވަނީ ސިޔާސީ ޙިމާޔަތް ދީފަ އެވެ. (އަލްޖަޒީރާ)