ނިއުޔޯކް (ސެޕްޓެމްބަރު 24): އެމެރިކާގެ ނިއުޔޯކްގައި ހުންނަ ޓްރަމްޕް ޓަވަރުގެ ދެ އެޕާޓްމެންޓަކުން 350,000 ޑޮލަރުގެ އަގު ހުރި ގަހަނާ ވަގަށް ނަގާފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

މިމަހުގެ ހަތަރެކާއި ނުވަޔަކާ ދެމެދު ހިނގި އެވައްކަމުގެ ހަބަރު ފެތުރުނީ ނިއުޔޯކުގައި ބާއްވާ އދ.ގެ ޖެނެރަލް އެސެމްބްލީއަށް ރައީސް ޓްރަމްޕް ނިއުޔޯކުގައި ހުންނަވަނިކޮށެވެ. އަދި ހަފްތާއަކަށް ދެމިގެންދާ އެ ބައްދަލުވުންތައް ކުރިއަށްދާ އިރު ރައީސް ހުންނަވާނީ ޓްރަމްޕް ޓަވަރުގައި ކަމަށް އެމެރިކާގެ މީޑިއާތަކުން ލަފާކޮށްފައި ވަނިކޮށެވެ.

ފުލުހުން ބުނި ގޮތުގައި އެ ވައްކަންތައް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އަލިމަސް ޖަހާފައިވާ ކެވެލި ފަށަކާއި ކަރުގަ އަޅާ ފަށް ހިމެނެ އެވެ.

ނިއުޔޯކުގައި ހުންނަ ޓްރަމްޕް ޓަވަރުގައި ރައީސްގެ އާއިލާއަށް ހާއްސަ އެޕާޓްމެންޓުތަކުގެ އިތުރުން ޓްރަމްޕް އޯގަނައިޒޭޝަންގެ އޮފީސްތައް ހުރެ އެވެ.