24 Sep 2019, 15:23
ލަންޑަން (ސެޕްޓެމްބަރު 24): އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މިމަހު އެގައުމުގެ ޕާލިމެންޓް ސަސްޕެންޑު ކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އިނގިރޭސިވިލާތުގެ އެންމެ މަތީ ކޯޓުން އެފަދައިން ނިންމީ މި މަހުގެ ކުރީކޮޅު، ޕާލިމެންޓު ފަސް ހަފްތާއަށް ސަސްޕެންޑު ކުރަން ޖޯންސަން ނިންމެވުމާ ގުޅިގެންނެވެ. އަދި އެނިންމުމާ ދެކޮޅަށް އިދިކޮޅު ބައެއް މެމްބަރުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވުމުންނެވެ.
ސުޕްރީމް ކޯޓުގެ ރައީސް ލޭޑީ ހޭލް މިއަދު ވިދާޅުވި ގޮތުގައި ޕާލިމެންޓް ސަސްޕެންޑު ކުރަން ޖެހޭ ކަމަށް ސާބިތުވާ އެއްވެސް ހެއްކެއް އެކޯޓަށް ލިބިފައި ނުވެ އެވެ. އަދި އެއީ ގަބޫލު ކުރެވޭ ސަބަބަކާ ނުލައި، ޕާލިމެންޓުގެ މެމްބަރުންގެ ޒިންމާތަކަށް ހުރަސް އެޅޭ ފަދަ ނިންމުމެއް ކަމުން އެއީ ބާތިލު ނިންމުމެއް ކަމަށް ކޯޓުގެ 11 ފަނޑިޔާރުން ވަނީ އެއްބަސްވެފަ އެވެ.
ލޭޑީ ހޭލް ވިދާޅުވި ގޮތުގައި ޕާލިމެންޓު ބައްދަލުވުންތަކާ ބެހޭ ގޮތުން ދެން ގޮތެއް ނިންމަވާނީ މެމްބަރުންނެވެ.
އަދި ޕާލިމެންޓުގެ ތިރީގޭގެ ރައީސް ޖޯން ބާކޯ ވަނީ ކޯޓުގެ ނިންމުމަށް މަރުހަބާ ވިދާޅުވެ، އެއްވެސް ލަސް ކުރުމަކާ ނުލައި ޕާލިމެންޓު ބައްދަލުވުންތައް އަނެއްކާ ވެސް ފަށަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އިނގިރޭސި ސަރުކާރާ އިދިކޮޅު ބައެއް މެމްބަރުން ވަނީ ޖޯންސަން ޕާލިމެންޓު ސަސްޕެންޑު ކުރެއްވީ އެގައުމު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވާ އިރު އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
އިނގިރޭސިން އީޔޫއިން ވަކިވާން ކަނޑައަޅާފައި އޮތް ތާރީހަކީ އަންނަ މަހުގެ 31 އެވެ. އަދި ޕާލިމެންޓުގެ މަސައްކަތް ދެން ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 14ގައި ކަމުން، އީޔޫއިން ވަކިވުމާ ބެހޭ އެއްބަސްވުމެއް ޕާލިމެންޓުން ފާސް ކުރަން ދަތިވާނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.
ނަމަވެސް ޖޯންސަން ވަނީ އާ ސަރުކާރެއް ގާއިމު ކުރުމަށް ފަހު ޕާލިމެންޓް ސަސްޕެންޑު ކުރުމަކީ އާއްމު ކަމެއް ކަމަށް ވިދާޅުވެ، އޭނާގެ ނިންމުން ދިފާއު ކުރައްވައިފަ އެވެ.
އިނގިރޭސިވިލާތް އީޔޫއިން ވަކިވުމާ ބެހޭ ގޮތުން ކުރީގެ ބޮޑުވަޒީރު ތެރީސާ މޭ ހެއްދެވި އެއްބަސްވުމަށް ރުހުން ދޭން ޕާލިމެންޓުން ވަނީ ތިން ފަހަރަކު ދެކޮޅު ހަދާފަ އެވެ. އަދި މިދިޔަ ޖުލައި މަހު މޭ އިސްތިއުފާ ދެއްވީވެސް އެމައްސަލައިގެ ސަބަބުންނެވެ.