ހދ. ހަނިމާދޫ ބަނދަރު އަޕްގްރޭޑް ކުރަން 57 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހްމަދު ހަމީދު އެވެ.

ހަނިމާދޫ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 57.1 މިލިއަން ރުފިޔާއަށް، 425 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްޓީސީސީގެ ސީއޯއޯ ޝާހިދު ވިދާޅުވީ އެންމެ ފުރަތަމަ ކުރާނީ އީއައިއޭ ހެދުމުގެ މަސައްކަތް ކަމަށާއި، އެ މަސައްކަތް ނިމުމާއެކު އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ 355 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށްޓެއް ލުމާއި، 270 މީޓަރުގެ އެއްގަމު ތޮށި ލުމާއި، ދެ ނެރު ބައްތި ޖެހުމާއި، 20 ބަނދަރު ބައްތި ޖެހުމާއި، ރޭމްޕަކާއި، 2583 ސްކެއާ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި 10 މޫރިން ބްލޮކް ހަރުކުރުމާއި ބަނދަރު ފުން ކުރުމާއި ނެރު ފުން ކުރުން އަދި 50 މީޓަރުގެ ރިވެޓްމަންޓް ޖެހުމެވެ.