ކަންބޮޑުވުންތައް ހުރި، ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުވުމުގެ ބިލު ދިރާސާ ކުރާ ކޮމިޓީގެ މަސައްކަތްތައް ސިއްރުން ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ކުރާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދު ކޮމިޓީ ބައްދަލުވުން ވެސް ސިއްރު ކުރި އިރު، މިއަދުގެ ބައްދަލުވުމުގައި އޮތީ އެ ބިލްގެ މާއްދާތައް ދިރާސާކޮށް ބަދަލެއް ގެންނަން ޖެހޭ ނަމަ އެކަން ކުރުމެވެ.

ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް ސަލާމަތީ ހިދުމަތްތަކުގެ ވެރިންނާއި ކަމާ ގުޅޭ އެހެނިހެން މުއައްސަސާތަކުގެ ވެރިން ހާޒިރު ކުރި ކޮމިޓީގެ ބައްދަލުވުންވެސް ބޭއްވީ ސިއްރުކޮށްގެން އެވެ.

މިއަދު މެންދުރު 1:00 އަށް ތާވަލް ކުރި ކޮމިޓީގައި އެޖެންޑާ ކޮށްފައިވަނީ ބިލު ދިރާސާ ކުރުމަށެވެ.

ޓެރަރިޒަމްގެ ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރޭ 8:00 އަށް ތާވަލު ކުރި ބައްދަލުވުމަށް ހާޒިރުކޮށްފައި ވަނީ، އެޓާނީ ޖެނެރަލްގެ އޮފީހާއި، އެމްއެންޑީއެފް، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހޯމް މިނިސްޓްރީގެ ބޭފުޅުނެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިމަހުގެ 12 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު، ހުސައިން ޝަހީމް (އަދުން ހުސައިން)އެވެ. އިބްތިދާއީ ބަހުސަށްފަހު، ކޮމިޓީއަށް ފޮނުވުމަށް ބިލު ބަލައިގަތީ މިދިޔަ އާދިއްތަ ދުވަހު ދައުރުން ބޭރުން ބޭއްވި ދެވަނަ ޖަލްސާގައެވެ.

އިބްތިދާއީ ބަހުސްގައި ގިނަ މެމްބަރުން ވަނީ ބިލުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނުމަށް ހިމަނާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބިލުގައިވާގޮތުން، ކުށުގެ ތުހުމަތުވާ މީހަކު ކޯޓު އަމުރަކާ ނުލާ ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި ކޯޓު އަމުރެއް ނެތި 48 ގަޑި އިރުވަންދެން އެ މީހަކު ހައްޔަރުކޮށްފައި ބެހެއްޓުމުގެ ބާރު ފުލުހުނަށް އޮވެއެވެ. މީގެ އިތުރުން ގާނޫނު އަސާސީން ލިބިދިފައިވާ ބައެއް ހައްގުތައް ހިފެހެއްޓުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު، ދައުރުން ބޭރުން މަޖިލިސް ބާއްވަމުން މިދަނީ، ބިލު ވީހާވެސް އަވަހަކަށް ނިންމުމަށް ބޭނުންވާ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ސޯޅިހް ވިދާޅުވެފައި ވަނީ، ބިލުގައި ހުރި ކަންތައްތަކަކީ، މިހާރުން މިހާރަށް ގާނޫނަށް ގެންނަ ޖެހޭ އިސްލާހުތައްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީވެ، އިދިކޮޅު ފަރާތްތަކުން ރޭ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބިލުގައިވަނީ، ޓެރިރިޒަމް ވަރަށް ފުޅާ މިނެއްގައި މާނަ ކޮށްފައެވެ. އެގޮތުން ދީނީ، ސިޔާސީ ނުވަތަ ވަކި ފިކުރެއް ކުރިއަރުވުމަށް ކުރާ ކަންތައްތަކުގައި މީހަކަށް ނުވަތަ ތަނަކަށް ދެވޭ ގެއްލުމަކީވެސް ޓެރެރިޒަމްގެ ގޮތުގައި މާނަ ކުރުމަށް ބިލުގައި ވަނީ ހިމަނާފައެވެ. އަދި އޭގެ އިތުރުން އިތުރު ކުށްތައްވެސް ބިލަށް ވަނީ އިތުރުކޮށްފައެވެ.

ބިލުގައި ކުށް ކަމުގައި ކަނޑައަޅާފައިވާ ކަންކަން:

  • ހަނގުރާމައަށް ދިއުން، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުން. އަދި ހަނގުރާމަވެރި އަމަލެއް ކުރަން އުޅުން ނުވަތަ އެފަދަ ކަމެއް ކުރަން އެހީވުން ނުވަތަ އެކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުން.

  • ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރުން އަދި އެފަދަ ތަކެތިން ވިޔަފާރިކުރުން.
    ޓެރަރިސްޓް ޖަމާއާތަކަށް ތާއީދުކުރުން އަދި ތާއީދުކުރުމަށް ގޮވާލުން.
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ހަރަކާތްތަކަށް ހިތްވަރުދީ އެފަދަ ހިޔާލެއް ފާޅުކުރުން. އަދި އެކަަމަށް ހިތްވަރު
    ލިބޭ ހަރަކާތެއްގައި ބައިވެރިވުން. އަދި އެފަދަ ހަރަކާތެއް ރާވަައި ހިންގުން.
  • ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރެއްކަމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ އަންނައުނެއް އާންމު ތަނެއްގައި ލުން. ނުވަތަ އެފަދަ ދޭހައެއްވުން އެކަށީގެންވާ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ބަޔަކަށް ފެންނާނެ ގޮތަށް ގެންގުޅުން ނުވަތަ ބޭނުންކުރުން.