13 Nov 2011, 10:20
ހދ. ކުޅުދުއްފުއްޓާއި އިންޑިއާ އަދި ލަންކާ އާ ދެމެދު ކާގޯ އަދި ޕެސެންޖާ ފެރީގެ ހިދުމަތް ފަށަން ނިންމައިފި އެވެ.
އައްޑޫ ސިޓީގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދެ ދުވަހުގެ ނިޔަލަށް ބޭއްވި 17 ވަނަ ސާކް ސަމިޓު ނިންމަވާލައްވަމުން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވީ ސާކުގެ ގައުމުތަކުގެ މެދުގައި އަންނަ ޑިސެމްބަރު މަހުފަށާ ފެރީގެ ހިދުމަތް ފުރަތަމަ ދަތުރުކުރާނީ ކުޅުދުއްފުށިން އިންޑިއާގެ ވިޔަފާރީގެ ކޮޗިން އަށާއި ކޮލަމްބޯ އަށް ކަމަށެވެ. އެ ނިޒާމުގެ ހުރިހާ ސްޓަޑީއެއް ނިމި އެކަމަށް އަމަލީ ސިފައެއް ގެނައުމަށް ސެކްރެޓަރީ ޖެނެރަލަށް އަންގާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިހާރު މިވަނީ ޑިސެމްބަރު މަހު ކޮއްޗޭ އާއި ކުޅުދުއްފުއްޓާއި ކޮޅުބާއި ގުޅާލެވޭ ފެރީގެ ނިޒާމު ފެށުމަށް ހުރިހާ ކަމެއް ނިމިފައި. އޭގެ ފީސިބިލިޓީޒް ވެސް މިވަނީ ނިމިފައި. މިހާރު ސެކެއްޓްރީ ޖެނެރަލްއަށް ޑައިރެކްޓް ކުރެވިފައި މިވަނީ ޑިސެމްބަރު މަހު އެކަންތައްތައް އަމަލީ ގޮތުން ފެށުމަށް،" ސާކުގެ މި ދައުރު ޗެއާ ކުރައްވާ ރައީސް ނަޝީދު ވިދާޅުވި އެވެ.
އިންޑިއާގެ ބޮޑު ވަޒީރު މަންމޯހަން ސިންގް ފުރާވަޑައިގަތް ހަފްލާއަށް ފަހު އިންޑިޔާގެ ޖީއެމްއާރުން ހިންގާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އިން، ކުޅުދުއްފުއްޓަކީ ސާކްގެ ފެރީގެ މަންޒިލަކަށް ހަދަން ނިންމީ އެ ސަރަހައްދުގެ ބަނދަރު ރަނގަޅު ފެންވަރަކަށް ތަރައްގީކުރެވިފައިވާތީ ކަމަށެވެ.
އަދި އިންޑިޔާ އިން ކުޅުދުއްފުށީ ބަނދަރު އިތުރަށް ތަރައްގީ ކުރުމަށް ހަރަދުކުރުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ފެރީ ނިޒާމުގެ ސަބަބުން އިންޑިޔާ އިން ލިބެން ހުންނަ ހިދުމަތްތައް ހޯދުމަށް ދިވެހިންނަށް މިހާރަށް ވުރެ ފަސޭހަވެގެން ދާނެ ކަމަށާއި ކުޅުދުއްފުއްޓަކީ ވިޔަފާރީގެ މަރުކަޒަކަށް ވެގެންދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ކުޅުދުއްފުށިން ފުރައިގެން ހެޔޮ އަގެއްގައި އިންޑިޔާ އަށް 12 ވަރަކަށް ނޫނީ 16 ވަރަކަށް ގަޑިއިރު ތެރޭގައި ދެވެންޏާ އޭގެ މާނައަކީ ކުޅުދުއްފުށިން ފުރައިގެން ބައްތެއްޔަކަށް އަރައިގެން މާލެއަށް އެއްރޭ ދިޔުމަކާ އެއްފަދައޭ، އެއްޔޮއް ދެވެނީ އިންޑިޔާ އަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.