އދ. (ސެޕްޓެމްބަރު 24): ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރަން ދުނިޔޭގެ ލީޑަރުން ފެއިލްވަމުން އަންނަކަމަށް ތުހުމަތުކޮށް އެ ލީޑަރުންނަށް ރައްދުކޮށް ހޫނު ބަހުގެ ހަމަލާތަކެއް ދިން، ސުވިޑެންގެ 16 އަހަރުގެ އެކްޓިވިސްޓް، ގްރެޓާ ތުންބާގްއަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެ އެވެ.

އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ 74 ވަނަ އދ.ގެ އާއްމު މަޖިލީހުގެ ތެރެއިން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް ބޭއްވެވި ކްލައިމެޓް އެކްޝަން ސަމިޓުގަ އޭނާ ވަނީ އަސަރުގަދަ ވާހަކަތަކަކާ އެކު ދުނިޔޭގެ ލީޑަރުންގެ ކިބައިން އާދޭސްކޮށްފަ އެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރަން ގައުމުތަކުގެ ލީޑަރުން އެކަށީގެންވާ ވަރަށް ފިޔަވަޅު އަޅަމުން ނުދާ ކަމަށް މީގެ ކުރިންވެސް ބުނެފައިވާ ތުންބާގް ކްލައިމެޓް ސަމިޓުގައި ދެއްކި ވާހަކައިގައި ވަނީ ލީޑަރުންގެ އަމަލުތަކާ މެދު ނުރުހުން ފާޅުކޮށް، ފާޑު ކިޔާފަ އެވެ. އަދި ތިމާވެށި ރައްކާތެރި ކުރުމަށް ގޮވާލުމަށްޓަކައި އެއް އަހަރު ވަންދެން ސްކޫލަށް ނުގޮސް ހުއްޓާލި ތުންބާގް ވަނީ "ސިޔާސީ ލީޑަރުންގެ އެއްވެސް ބަރުދަނެއް ނެތް ބަސްތަކުގެ ސަބަބުން އޭނާގެ ހުވަފެންތަކާއި ޅަފުރާ ބީވެގެންގޮސްފައިވާ" ކަމަށް ބުނެފަ އެވެ.

"މީހުން ދަނީ [މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް] ތަހައްމަލު ކުރަމުން. މީހުން ދަނީ މަރުވަމުން. އިކޯސިސްޓަމްތައް ދަނީ ނެތެމުން. ދުނިޔޭގެ ދިރުންތަކުގެ ބޮޑެތި އާބާދީތައް ނެތުމާ ގާތަށް އެބަދޭ. ނަމަވެސް [ދުނިޔޭގެ ލީޑަރުންނަށް] ހަމައެކަނި ދެއްކެނީ ފައިސާ އާއި ދާއިމީ އިގުތިސާދީ ކުރިއެރުމުގެ ހިޔާލީ ވާހަކަތައް،" ތުންބާގް ބުންޏެވެ.

އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވުން ފަދަ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލާ ތުންބާގުގެ މުޒާހަރާތައް ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ސުވިޑެންގެ ޕާލިމެންޓު ކުރިމަތީގަ އެވެ. އޭގެ ފަހުން ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ދަރިވަރުން ދަނީ މޫސުމާ ގުޅުން ހުރި މުޒާހަރާތައް ބާއްވަމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު 100އަށް ވުރެ ގިނަ ގައުމުތަކުގައި ސްކޫލު ކުދިން މުޒާހަރާ ކުރި އެވެ.

ތުންބާގް ބުނި ގޮތުގައި ދުނިޔޭގެ ޒުވާނުން މިހާރު ތިބީ ގައުމުތަކުގެ ވެރިން އަޅާނެ ފިޔަވަޅުތައް ބަލާށެވެ.

"އަންނަން އޮތް ޖީލުތަކުގެ ލޯ ވަނީ ދުނިޔޭގެ ލީޑަރުންނާ ދިމާލަށް ހުއްޓިފަ. އަދި ލީޑަރުންގެ ނިންމުންތައް ފެއިލްވެއްޖެ ނަމަ އަޅުގަނޑު ބުނަން އޮތީ، އަޅުގަނޑުމެން ތިމީހުންނަށް މާފެއް ނުކުރާނަމޭ،" ތުންބާގް ބުންޏެވެ.

މީގެ އިތުރުން ތުންބާގް އާއި އިތުރު 15 ކުދިން ވަނީ މޫސުމީ ކާރިސާއެއް ހުއްޓުވުމަށް ފަސް ގައުމަކުން އެކަށީގެންވާ ވަރަށް ފިޔަވަޅު ނާޅާ ކަމަށާއި އޭގެ ސަބަބުން ކުޑަކުދިންގެ ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނެ އދ.އަށް ޝަކުވާއެއް ހުށަހަޅާފަ އެވެ. އެ ފަސް ގައުމަކީ ޖަރުމަނު، ފްރާންސް، ބްރެޒިލް، އާޖެންޓީނާ އަދި ތުރުކީ އެވެ.

އެކްލައިމެޓް ސަމިޓުގައި ރާއްޖޭގެ އިތުރުން 59 ގައުމެއްގެ ލީޑަރުން ބައިވެރިވި އެވެ.