24 Sep 2019, 11:52
ބައްދަލުވުންތަކުގެ މައުލޫމާތާއި، ތަހުގީގުތަކާ ގުޅޭ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަންޖެހޭ ގޮތަށް ލާޒިމްކޮށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ހިންގާ ގަވާއިދު އެކުލަވާލައި، އެ ގަވާއިދަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
އިއްޔެ ގެޒެޓުކުރި ގަވާއިދުގައި ބުނެފައި ވަނީ ކޮމިޝަނުން ނިންމާ ގޮތެއްގެ މަތިން މެނުވީ ކޮމިޝަންގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސް ކަމެއް، ބައްދަލުވުމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެ ކަމަށެވެ.
އަދި މެމްބަރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ކޮމިޝަނުން ކުރާ ތަހުގީގުތަކާ ގުޅޭ މައުލޫމާތުތަކުގެ ތެރެއިން ކޮމިޝަނުން ސިއްރުނޫން މައުލޫމާތުގެ ގޮތުގައި ކަނޑައަޅައިފައިވާ މައުލޫމާތު ފިޔަވައި، އެހެން ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
މެންބަރުންގެ ސުލޫކީ މިންގަނޑުގެ ތެރޭގައި މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ މެންބަރެއް އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒު މަންފާއެއް ހާސިލު ކުރުމަށް، ނުވަތަ އެހެން މީހަކަށް އެ މަންފާ ހޯދައިދިނުމަށް ބޭނުން ނުކުރުން ހިމަނާފައިވެ އެވެ.
އަދި މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް، އެ މެންބަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، އެހެން ފަރާތަކަށް އެ މައުލޫމާތު ހާމަނުކުރުމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.
ސިއްރު ހިފަހައްޓަން ޖެހޭގޮތުން މަރު ކޮމިޝަނުގެ ގަވާއިދު އެކުލަވާލާފައިވާއިރު، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގައި އެ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގު ރިޕޯޓުގެ ޑްރާފްޓް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެރުވުމުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
އެކަމާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށީ، ރައީސް ނަޝީދު އެ ރިޕޯޓު މަޖިލީހުގެ ޕީޖީ ލީޑަރުންނާ ހިއްސާ ކުރުމުންނެވެ. އެކަމުގެ ސަބަބުން ރިޕޯޓުގައި ހުރި ސިއްރުކުރަން ޖެހޭ މައުލޫމާތުތައް ހާމަވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މަރު ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާ ރިޕޯޓު ހިއްސާކުރީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ނޫން ކަމަށެވެ. އަދި އެއްވެސް ފަރާތަކާ ރިޕޯޓު ހިއްސާކުރަން އެމަނިކުފާނު އިރުޝާދު ދެއްވާފައި ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ރިޕޯޓުގައި ސިއްރު ކުރަންޖެހޭ، އަދި އާންމުވެއްޖެ ނަމަ ތަހުގީގަށް ހުރަސް އެޅޭ ކަންތައްތަކެއް ހުރި ކަމަށެވެ.