24 Sep 2019, 12:34
މިދުވަސްވަރަކީ މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރަކަށް ވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ އުތުރަށް ޔެލޯ އެލާޓް އަދި މެދު ރާއްޖެތެރެއަށް ވައިޓް އެލާޓް ނެރެ، ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށ ލަފާކޮށްފައިވާތީ ދަތުރަށް ފުރުމުގެ ކުރިން ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ކަނޑުގަދަ ދުވަސްވަރު ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގެ ރިޕޯޓު ލިބެމުންދާ ކަމަށާއި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތައް، މޫސުމާ ބެހޭ އިދާރާއިން އޮޅުންފިލުވުމަށް ފަހު ދަތުރަށް ފުުރުމަށް އިލްތިމާސް ކުރާ ކަމަށް އެމްއެންޑީއެފް ކޯސްޓުގާޑުން ބުންޏެވެ.
ކަނޑު ދަތުރުކުރާނަމަ، އަންގަންޖެހޭ ފަރާތްކަށް އެންގުމަށްފަހު ނޫނީ ދަތުރަށް ނުފެށުމަށާއި އުޅަނދުގައި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަމްޕު އަދި ލައިފްޖެކެޓު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ބެލުމަށްފަހު ނޫނީ ދަތުރަށް ނުފެށުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި އުޅަނދުފަހަރުގައި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެއިތުރުން، ރޭގަނޑު ދަތުރުތައް ކުރާނަމަ އިތުރަށް ސަމާލުވެ، ޑައިވިންގ ކުރުމާއި އެހެނިހެން މޫދުކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތައް ރާވާ ހިންގުމަށްވެސް ކޯސްޓްގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަންދިނުމަށް އެ ފަރާތުން އެދެއެވެ.
ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް ކޯސްޓްގާޑުން އިލްތިމާސް ކުރެއެވެ.