24 Sep 2019, 12:15
ޕޯޓް-އައު-ޕްރިންސް (ސެޕްޓެމްބަރު 24): ހެއިޓީގެ ޕާލިމެންޓު ކައިރީ ސެނެޓަރަކު ބަޑި ޖަހައި، ދެ މީހަކު ޒަހަމްކޮށްލައިފި އެވެ.
ސެނެޓަރު ޖީން މޭރީ ރަލްފް ފެދިޔާ ވިދާޅުވި ގޮތުގައި އޭނާ ޕާލިމެންޓުން ނުކުންނެވި ގަޑީގައި އެސަރަހައްދުގައި ބަޔަކު ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ އެވެ. އަދި ބަޑި ޖަހަން ޖެހުނީ ހަތިޔާރު އަޅައިގެން ތިބި ބަޔަކު އޭނާއަށް އިންޒާރު ދިނުމުން، އަމިއްލަ ރައްކަލަށްޓަކަ އެވެ.
"ހަތިޔާރު އެޅި ގުރޫޕުތަކުން އަޅުގަނޑަށް ހަމަލާ ދިނީ އެހެންވެ އަމިއްލަ ރައްކަލަށް ފިޔަވަޅު އެޅީ. އަމިއްލަ ނަފްސު ދިފާއު ކުރުމަކީ ހައްގެއް،" ފެދިޔާ ވިދާޅުވި އެވެ.
އަދި އެހެން ސެނެޓަރަކު ވަނީ ފެދިޔާ ބަޑި ޖެހުމުގެ ކުރިން އެތާ ތިބި މީހުންނަށް އިންޒާރު ދެއްވި ކަމަށް ވިދާޅުވެފަ އެވެ.

ހެއިޓީ ޕާލިމެންޓު ކައިރީ ސެނެޓަރު ދިން ހަމަލާގައި އޭޕީގެ ފޮޓޯގްރާފަރަކު ޒަހަމްވި -- ފޮޓޯ: ރޮއިޓާސް
އެހަމަލާގައި އަނިޔާވީ އެސޯސިއޭޓެޑް ޕްރެސްގެ ފޮޓޯގްރާފަރަކާއި ސެކިއުރިޓީ ގާޑަކަށެވެ. އަދި އެދެ މީހުންނަށްވެސް ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތަކެއް ނުލިބޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އެހަމަލާއަށް ފަހު ފެދިޔާ ވަނީ އޭނާ ހަމަލާ ދިން އިރު އެތާ ނޫސްވެރިއެއް ހުރިކަން ނޭނގޭ ކަމަށް ބުނެފަ އެވެ. ނަމަވެސް ހަމަލާ ދިން ވަގުތު އޭޕީގެ ފޮޓޯގްރާފަރު ހުރީ "ޕްރެސް" ޖަހާފައިވާ ޖެކެޓަކާއި ހެލްމެޓެއް އަޅައިގެންނެވެ.
ހެއިޓީގައި ދިރިއުޅުމުގެ އަގު އުފުލި، ތެޔޮ ނުލިބުމުގެ ސަބަބުން ގައުމުގެ ސަރުކާރާ ދެކޮޅަށް ގިނަ އަދަދެއްގެ މީހުން ސިލްސިލާ މުޒާހަރާތައް ކުރާތާ ހަފްތާއެއްވެއްޖެ އެވެ.