އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު އިންޑިޔާގެ ބޮޑު ވަޒީރު މަންމޯހަން ސިންގް އާ ބައްދަލުކުރައްވައިފި އެވެ.

ޑީއާރުޕީން ބުނި ގޮތުގައި މަންމޯހަން ސިންގްއާ ތަސްމީން ބައްދަލުކުރެއްވީ އޭނާގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގައި ކުރުނބާ މޯލްޑިވްސްގަ އެވެ.

ތަސްމީނާއި ސިންގްގެ ބައްދަލުވުމުގައި ޒަމާނުއްސުރެ އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމާއި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ފުރިހަމަ ކުރުމަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ކަމަށް ޑީއާރުޕީން ބުންޏެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު މުހައްމަދާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަބުދުﷲ މައުސޫމު ވެސް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ކަމަށް ޑީއާރުޕީން ބުންޏެވެ.

ސާކް ސަމިޓް ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެން ސިންގް ވަނީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާފަ އެވެ.