މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަމަލުކުރަން އެންމެ ރަނގަޅު ޕްލޭނަކީ ރާއްޖޭގެ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ 74 ވަނަ އދ.ގެ އާންމު މަޖިލީހުގެ ތެރެއިން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް ބޭއްވެވި ކްލައިމެޓް އެކްޝަން ސަމިޓްގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ކުދި ޖަޒީރާ ގައުމުތައް ހިއްސާވާ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ފަދަ ޖަމާއަތްތަކުގެ އެހީއާ އެކު ކުދި ޖަޒީރާ ގައުމުތަކުން އެންމެ ރަނގަޅަށް މަސައްކަތްކުރެވޭނެ ގޮތް ހިއްސާކުރައްވައިފަ އެވެ.

އެގޮތުން ރާއްޖޭގެ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލް އަކީ ޖަޒީރާ ގައުމުތަކަށް އެކަށޭނަ އަދި ގުޅިގެން ހާސިލުކުރެވޭނެ ފިޔަވަޅުތަކެއް ހިމެނޭ މޮޑެލެއްކަން ފާހަގަކުރެއްވި އެވެ.

"ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލް މައިގަނޑު ގޮތެއްގައި އަމާޒުހިފާފައި ވަނީ ތިމާވެއްޓާ ބެހޭ މައިގަނޑު 11 ދާއިރާއަކުން ހާސިލުކުރާނެ ކަންތައްތަކެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަނޑައެޅުމާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުގެ ބޭނުންކުރުން ހުއްޓާލުމާއި، އައު އީޖާދުތަކުގެ އެހީހޯދުމާއި، އެއް ރަށާއި އަނެއް ރަށާ ދަތުރުފަތުރުން ގުޅުވާލުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތިމާވެއްޓާ ރަހުމަތްތެރި ފަތުރުވެރިކަން ކުރިއެރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަވާނެ ގޮތަކަށް އުމުރާނީ ތަރައްގީ ގެނައުމާއި، އިޔާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމާއި އަދި މިފަދަ އިތުރު ބައެއްކަންކަން ހިމެނެ އެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން އަމަލު ކުރަމުން ގެންދާ މޮޑެލަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިލުމަށް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ނުވަތަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާސިލުކުރެވޭނެ ފަދަ ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއް ކަމަށެވެ.

އަދި، މިފަދަ މޮޑެލެއް އިހްތިޔާރު ކުރުމުގެ މައިގަނޑު ބޭނުމަކީ ގުދުރަތީ ވެށްޓާއި ގުޅި ލާމެހިފައިވާ ދެމެހެއްޓެނިވި މުޖުތަމައެއް ބިނާކުރުން ކަމުގައި ރައީސް ވިދާޅުވި އެވެ.

އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި އެހެން ގައުމުތަކުން ވެސް، ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ރާއްޖޭގެ މޮޑެލް ބޭނުން ކުރުމަށް ރައީސް ވަނީ ގޮވާލައްވައިފަ އެވެ.

ރައީސް ވަނީ މިއީ ކާބަން ބޭނުންކުރާ މިންވަރު މަދު އިގުތިސޯދެއް ބިނާކުރުމާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނުރައްކާތެރިކަން ކުޑަ ކުރުމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ބޮޑުކަމާއި އޭގެ ނުރާއްކާތެރިކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން ދުނިޔެ ސަލާމަތްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތް ކޮށްދެއްވުމަށް ވެސް ރައީސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ކްލައިމެޓް އެކްޝަން ސަމިޓަކީ ޕެރިސް އެގްރީމެންޓުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ކަންކަން އެންމެ ހަރުދަނާގޮތެއްގައި ތަންފީޒުކުރެވިގެންދާނެ ގޮތްތައް ހޯދުމާއި ދެމެހެއްޓެނިވި ތަރައްގީގެ އަމާޒަށް ވާސިލުވުމަށް ގައުމުތައް ގުޅިގެން ކުރަންހުރި ކަންކަން ދެނެގަތުމަށް ބޭއްވި ސަމިޓެކެވެ.