މަޝްހޫރު ފިލްމީ ތަރި އަދި މޮޑެލް އެމީ ޖެކްސަން 27، އޭނާގެ އަލަތު ދަރިފުޅު ވިހައިފި އެވެ.

އެމީ ވިހާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެމީ ވިހޭކަން އޭނާގެ ލޯބިވެރިޔާ ވިޔަފާރިވެރިޔާ ޖޯޖު ޕަނައްޔޯތާ 30 ހާމަކޮށްފައި ވަނީ އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ.

އެމީ ފިރިހެން ކުއްޖެއް ވިހާފައިވާ އިރު އެ ކުއްޖާގެ ފޮޓޯއެއް އިންސްޓަގްރާމް ކުރި އިރު ކުއްޖާގެ ވީޑިއޯއެއް ވެސް އަންނަނީ ދައުރުވަމުންނެވެ. އެމީ އޭނާގެ ދަރިފުޅަށް ދިން ނަމަކީ އެންޑްރޭއަސް އެވެ.

ދެ ލޯބިވެރިން ކައިވެނިކުރުމަށް އެންގޭޖްވެފައި ވަނީ މިދިޔަ ޖަނަވަރީ މަހުގަ އެވެ. އަދި ދެލޯބިވެރިން ވަނީ ކައިވެނި އަންނަ އަހަރުކުރާނެ ކަމަށް އިއުލާނުވެސް ކޮށްފަ އެވެ. ބައެއް ރިިޕޯޓުތައް ބުނާގޮތުގައި އެމީގެ ކައިވެނި ހަފްލާ ބާއްވާނީ ގްރީކް ސްޓައިލަށެވެ.

އެމީ އާއި ޖޯޖު ލޯބީގެ ގޮތުން ގުޅިފައި ވަނީ 2015 ވަނަ އަހަރުގަ އެވެ.