24 Sep 2019, 09:22
އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިއު ޔޯކްއަށް ކުރައްވާ ދަތުރުފުޅުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ އިންޑިއާ އާއި ސަރަހައްދުގެ އެހެން ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ރާއްޖެއިން އިސްކަން ދޭ ކަމަށެވެ. މިމަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސް އަކީ ރާއްޖެ އާއި ސަރަހައްދުގެ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން ހާމަވެގެންދިޔަ ބައްދަލުވުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވ ރާއްޖެ އާއި އިންޑިއާ އިގްތިސޯދީ ގޮތުން އެއްބަސްވެފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށި ދެ ގައުމުގެ ބަދަހި ގުޅުމުގެ ފައިދާ ދިވެހިންނަށް ކުރަން ފަށާފައިވާކަމަށެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި، ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ "ކްލައިމެޓް އެކްޝަން ސަމިޓް" ގައި އިންޑިއާއިން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވައި، ރައީސް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.
އެ ބައްދަލުވުމަށް ފަހު ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ؛ "ގާތް ރަހުމަތްތެރިޔާ" އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ އާ އެކު މުހިންމު މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ރައީސް ސޯލިހު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަތްފަހުން ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުން ޝައުގުވެރިވާ ކަންތައްތަކުގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
ރާއްޖެ އާއި އިންޑިއާ އާއި އޮންނަ ގުޅުން ބަދަހިވެފައިވާއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުތރަ މޯދީ ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ވަޑައިގެންނެވި އެއްގައުމަކީ ރާއްޖެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ސޯލިހު ހުވާ ކުރުމުގެ ދަރުބާރަށްވެސް މޯދީ ވަޑައިގެންނެވި އެވެ. ރައީސް ސޯލިހުވެސް ވަނީ އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.
ފާއިތުވި އަހަރެއްހައިދުވަހުގެ ތެރޭގައި ދެގައުމުގެ ދެމެދު ގިނަ އެމްއޯޔޫތަކެއްގައި ސޮއިކުރެވިފައިވާއިރު ރާއްޖެއަށް ދޭ އެހީވެސް އިންޑިއާ އިން ވަނީ އިތުރުކޮށްފަ އެވެ.