ޓެރަރިޒަމާއި ދީނީ ހަރުކަށިކަން ފެތުރުމުގައި ޝޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އެހެން ވެސް އޮންލައިން ޕްލެޓްފޯމްތައް ބޭނުން ކުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ރައީސް އެ ގޮތަށް ގޮވާލެއްވީ، އދ.ގެ 74 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، "ސްޓްރެޓީޖިކް ރެސްޕޮންސެސް ޓު ޓެރަރިސްޓް އެންޑް ވަޔަލެންޓް އެކްސްޓްރީމިޒަމް ލީޑާޒް ޑައިލޮގް" ގައި ބައިވެރިވެވަޑައިގެން ތަގުރީރު ކުރައްވަމުން އެވެ.

ރައީސް ސޯލިހު ވިދާޅުވީ ހައްދުފަހަނައަޅާ ދިޔުމާއި ޓެރަރިޒަމް ހުއްޓުވުމުގައި ކުރިން ބޭނުންކުރަމުން ގެންދިޔަ ފިޔަވަޅުތަކުން މާ ބޮޑު ނަތީޖާއެއް ފެނިފައި ނުވާކަމަށެވެ. އަދި އެގޮތަށް ދިމާވެފައި ވަނީ، އެ ފިޔަވަޅުތަކަކީ އިޖްތިމާއީ އަދި ސިޔާސީ ކަންކަމުގެ ސަބަބުން ހައްދުފަހަނައަޅާ ދާންޖެހޭ ސަބަބުތަކަށް ރިއާޔަތްކޮށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމުގައި ނުވާތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ނަސްލީ ތަފާތުކުރުމާއި، އަނިޔާވެރިކަމާއި ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ހުރިހާ ސަރުކާރުތަކަކަށް ގޮވާލަން،" ރައީސް ވިދާޅުވި އެވެ.

އދ. ގެ "ސްޓްރެޓީޖިކް ރެސްޕޮންސެސް ޓު ޓެރަރިސްޓް އެންޑް ވަޔަލެންޓް އެކްސްޓްރީމިޒަމް ލީޑާޒް ޑައިލޮގް" ގައި ރައީސް ސޯލިހު ތަގުރީރު ކުރައްވަނީ: ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވިދާޅުވި. -- ފޮޓޯ/ ރައީސް އޮފީސް

އެމަނިކުފާނު ވަނީ، ބައިނަލްއަގުވާމީ މުޖުތަމައާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ ހާއްސަ ކުންފުނިތަކާ ގުޅިގެން އިންޓަނެޓްގެ ޒަރިއްޔާއިން ނަފުރަތާއި އަނިޔާވެރިކަމަށް ހިތްވަރު ދިނުން ހުއްޓުވުމަށް ރާއްޖޭގެ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި، އެކަން ހުއްޓުވުމަށް ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކަށް ރައީސް ވަރަށް ބޮޑަށް ތައުރީފުކުރެއްވި އެވެ.

"ރާއްޖެއިން ވެސް އަނިޔާވެރިކަމާއި، ހައްދުފަހަނައަޅައި ދިޔުމަށް މަގުފަހިވާ ޒާތުގެ ލިޔުންތަކާއި ޝާއިއުކުރާ އެފަދަ ތަކެތި ބޭނުން ނުކުރެވޭގޮތަށް ހެދުމަށް މަސައްކަތް ކުރާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން، މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ ހާދިސާއަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުތައް ނުހުއްޓުވޭ ނަމަ، ކުރިމަތިވާ ނޭދެވޭ ކަންތައްތައް ރާއްޖެއަށްވެސް ވަރަށް ގާތުން ތަޖުރިބާ ކުރެވިފައިވާ ކަމުގައި ވިދާޅުވެފަ އެވެ. އަދި މި ސަރުކާރުގެ އަމާޒަކީ އެފަދަ ހިތްދަތި ހިތާމަވެރިކަމެއް އެހެން ދިވެހި އާއިލާއަކަށް ތަހައްމުލުކުރަން ނުޖެހޭވަރަށް ކަންކަން ކަށަވަރުކުރުން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

އދ. ގެ "ސްޓްރެޓީޖިކް ރެސްޕޮންސެސް ޓު ޓެރަރިސްޓް އެންޑް ވަޔަލެންޓް އެކްސްޓްރީމިޒަމް ލީޑާޒް ޑައިލޮގް" ގައި ރައީސް ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

މި ކޮންފަރެސްންގައި ރައީސް ވަނީ ރާއްޖެއިން ޓެރަރިޒަމް ނައްތާލުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން، މިހާރު އަމަލުކުރަމުން ގެންދާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އިސްލާހު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މި ބަދަލުތަކުގެ ސަބަބުން ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް އިތުރު ބާރެއް ލިބިގެންދާނެކަމުގައި ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެގާނޫނަށް މި ބަދަލުތައް ގެނައުމުން ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން ކޮންމެ މީހެއްގެ ވެސް އެންމެ އަސާސީ ހައްގުކަމުގައިވާ މިނިވަންކަމުގެ ހައްގު ދެމެހެއްޓުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ރައީސް އާއިއެކު ޖޯޑަންގެ ރަސްގެފާނާއި، ފްރާންސްގެ ރައީސާއި، ނިއުޒިލެންޑްގެ ބޮޑުވަޒީރާއި، އދ.ގެ ސެކްރެޓަރީ ޖެނެރަލް ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.