ރާއްޖޭގެ ބަޔެއްގެ ގޮތުގައި ކުރިން އޮތް، މަލިކަށް ދިވެހިންނަށް، އާންމުކޮށް ދަތުރުކޮށް އަދި މަލިކާ އެކު އަލުން ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކެއް ރާއްޖެ އިން ފަށައިފި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު މަންމޯހަން ސިންގް ރާއްޖެ އިން ފުރާވަޑައިގަތުމުގެ ރަސްމިއްޔާތަށް ފަހު، އިންޑިއާގެ ޖީއެމްއާރުން ހިންގާ، އިބްރާއިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މަންމޯހަން ސިންގާ އެކު ބޭއްވި މަޝްވަރާތަކުގައި ވާހަކަ ދެއްކި އެންމެ މުހިންމު އެއްކަމަކީ މަލިކާއި ރާއްޖެއާ ދެމެދު ފެރީގެ ނިޒާމުގާއިމްކޮށް އާންމުކޮށް ދިވެހިންނަށް އެ ރަށަށް ދަތުރުކުރެވޭނެ ގޮތްތަކެއް ހަމަޖައްސައި ރޭވުން ކަމަށެވެ.

"ޕްރައި މިނިސްޓަރު އަރިހުގައި އަޅުގަނޑުމެނަށް ދެންނެވުނު މަލިކާ ދެމެދު ފެރީގެ ހިދުމަތް ހަމަޖެއްސޭނެ ގޮތާއި މަލިކަށް އާންމުކޮށް ދެވޭނެ ގޮތްތައް ހަމަޖެއްސުމަށް. އެކަމުގެ ފުރިހަމަ ވާހަކަތައް އަޅުގަނޑުމެންނަށް ފަށައިގަނެވުނު،" ރައީސް ވިދާޅުވި އެވެ.

އެ ވާހަކަތަކުގައި އިންޑިއާގެ މުއައްސަސާތަކާ އެކު ވާހަކަ ދައްކައިގެން މަލިކާ މެދު ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކެއް ރޭވުމަށް އެއްބަސްވި ކަމަށާއި އެ ރަށަށް އާންމުކޮށް ދަތުރުކޮށް އުޅެވޭނެ ގޮތްތަކެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އިންޑިއާގެ އެތެރޭގެ މުއައްސަސާތަކާ އެކު ކުރެވޭ މަޝްވަރާތައް ނިމުމުން. އެކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އުންމީދު މިކުރަނީ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިޔާ އާ ދެމެދު ސޮއި ކުރި މުހިންމު އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ގައިދީން ބަދަލުކުރުމުގެ އެގްރިމެންޓާ ގުޅޭ ގޮތުން ސަން އިން ސުވާލުކުރުމުން ރައީސް ވިދާޅުވީ ކަނޑު ފޭރޭ މީހުންގެ ގޮތުގައި ރާއްޖޭގައި ހައްޔަރުވާ މީހުންނާއި ބޮޑަތި ޓެރަރިސްޓުން، އެ އެގްރީމަންޓްގެ ދަށުން އިންޑިޔާގެ ޖަލުތަކަށް ބަދަލުކުރުމަށް ގޮތްތަކެއް ހޯދާނެ ކަމަށާއި ދިވެހިންގެ ތެރެއިން ވެސް އިންޑިޔާގެ ޖަލުތަކުގައި ތިބި މީހުން ރާއްޖެ ގެނެވޭނެ ގޮތްތަކެއް ހަމަޖެހިގެން ދާނެ ކަމަށެވެ.

"ދިވެހިން ބަދަލު ނުކުރިއެއް ކަމަކު އަޅުގަނޑުމެން ބޭނުން ފުރުސަތުތައް އޮތްތޯ ބަލަން ޕައިރެޓުން ގޮތުގައި ހައްޔަރުވާ މީހުން، މިތަނުގައި އެހާ ގިނަ ދުވަހުން އެމީހުން ބައިތިއްބައިގެން އަޅުގަނޑުމެން ނުރައްކަލުގެ ތެރެއަށް ނުގޮސް ވާނެ ގޮތްތަކެއް ވެސް ހެނދުން. އެހެން ނޫނަސް ބޮޑަތި ޓެރަރިސްޓުން ހިފާ ހައްޔަރުކުރެވުނީމާ އެ މީހުން ރާއްޖޭގެ ޖަލުތަކުގައި ބޭތިއްބުން މިވަނީ ބޮޑަތި ހަރަދުތަކެއް ހިނގައި އަދި ސެކިޔުރިޓީ ނާޒުކުވާ ކަމަކަށް. އަދި މީގެ އިތުރުން އިންޑިޔާގެ ޖަލުތަކުގައި ގިނަ ދުވަސް ހޭދަކުރަން ޖެހިފައިވާ ދިވެހިންނަށް ހުކުމުގެ ބާކީ އޮތް ބައި އާއިލާތަކާއި ކައިރީގައި ތަންފީޒު ކުރުމަށް ފުރުސަތު ލިބޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ މަޝްވަރާތަކުގައި ބޭންކިންނާއި ފައިނޭންސިންގެ ރޮނގުން ގުޅުން ބަދަހިކުރުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށް ރައީސް ވިދާޅުވި އެވެ.