23 Sep 2019, 23:15
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު އަވަސް އަރުވާލާތީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޓެރަރިޒަމްގެ ވަރަށް ފުޅާ މިނެއްގައި މާނަކޮށް، ފުލުހުންނަށް ބޮޑެތި ބާރުތަކެއްދީ، އަދި ކުށްތައް އިތުރުކޮށް އެ ބިލު މަޖިލީހަށް ހުށަހެޅީ މިމަހުގެ 12 ވަނަ ދުވަހުވެއެވެ. އިބްތިދާއީ ބަހުސަށް ފަހު، ބިލު މަޖިލީހުން ކޮމިޓީއަށް ފޮނުވީ އިއްޔެއެވެ. ބިލު މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.
އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި އެ ޕާޓީގެ ޕީޖީ ލީޑަރު، އާދަމް ޝަރީފު އުމަރު ވިދާޅުވީ، މިހާރުވެސް ޓެރަރިޒަމްގެ ބިލެއް އެބައޮތް ކަމަށާއި އެ ބިލުން ޓެރަރިޒަމްގެ ނުރައްކަލެއް އޮތް ނަމަ އެކަން ހުއްޓުވުމަށް ގޮންޖެހުމެއް އޮތް ނަމަ އެކަން ސަރުކާރުން ބުނެދޭން ޖެހޭ ކަމަށެވެ.
"އަވަސް އަރުވާލާގެން މިކަަން ކުރަން މިއުޅޭނީ، ވަކި ޓާގެޓް ގުރޫޕެއް ނުވަތަ ވަކި ބަޔަކު ތިބެގެން މަސައްކަތް ކުރަމުންދާ ކަމަށް. އަޅޅުގަނޑުމެން ސުވާލު އުފައްދަން، ގައުމީ ސަލާމަތައް ނުރައްކާ އޮތް ކަމެއް މިއަދު ގައުމަށް ކުރިމަތިވެފައި އޮތީތޯ. އެފަދަ ހާލަތެއް އަޅުގަނޑުމެންނަށް ކުރިމަތިފައި އޮތް ކަމަށް ވާނަމަ މުޅި ދައުލަތުން އެބަ ޖެހޭ އިސްވެ މަސައްކަތްތަކެއް ކުރަން،" ރައްޔިތުންގެ މަޖިލީހުގެ މަޑައްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވިއެވެ.
އާދަމް ޝަރީފު ވިދާޅުވީމ އެފަދަ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމެއް އޮތް ކކުރިމަތިވެފައި އޮތް ނަމަ، މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ކޮމީޓީތަކުން ކުރަންޖެހޭ ކަންތައް ކުރުމަށް އަވަސް ކުރުމަށް މަޖިލީހުގެ ރައީސަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި ދައުލަތުން ޓެރެރިޒަމް ހުއްޓުވުމަށް ކުރާ މަސައްކަތުގައި އެ ކޯލިޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް ޝަރީފު ވިދާޅުވީ، ބިލަށް އާންމުގެ ހިޔާޅު ހުޅުވާޅީ އެއް ދުވަަހަށް ކަމަށާއި އެއީ އެކަށޭގެންވާ ވަގުތު ކަމަކަށް ގަބޫލު ނުުކުރައްވާކަމަށެވެ. އަދި ހިޔާލު ހުށަހެޅުމަށް ހަތް ދުވަސް އިތުރު ކުރުމަށް މަޖިލީހުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި އަލުފާނުގެ ހާދިސާއާ ގުޅިގެން އެއީ ޓެރެރިޒަމްގެ އަމަލެއް ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ތުހުމަތު ކުރެއްވުމާ ގުޅިގެން އެކަމާ ގުޅިގެންވެސައެވެ. ފުލުހުން ބުނެފައި ވަނީ، މިހާނަށް ހޯދި ހޯދުންތަކުން އެއީ ޓެރެރިޒަމްގެ އަމަލެއް ކަމަށް ނުބެލެވޭ ކަމަށެވެ.
ޓެރަރިޒަމް ބިލާ ގުޅިގެން އިދިކިޅުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ، އެ ބިލު ވީހާވެސް އަވަހަކަށް ފާސް ވުމަށް ބޭނުންވާ ކަމަށެވެ. އަދި ބިލު ލަސްވެއްޖެ ނަމަ، އެފަދަ ކުށްތައް ހުއްޓުވުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ބިލުގައިވާގޮތުން، ކުށުގެ ތުހުމަތުވާ މީހަކު ކޯޓު އަމުރަކާ ނުލާ ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި ކޯޓު އަމުރެއް ނެތި 48 ގަޑި އިރުވަންދެން އެ މީހަކު ހައްޔަރުކޮށްފައި ބެހެއްޓުމުގެ ބާރު ފުލުހުނަށް އޮވެއެވެ. މީގެ އިތުރުން ގާނޫނު އަސާސީން ލިބިދިފައިވާ ބައެއް ހައްގުތައް ހިފެހެއްޓުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.