ޓެރަރިޒަމް ހުއްޓުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް މިރޭ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ، އެ ބައްދަލުވުން ސިއްރުކުރަން ނިންމާފައިވާ ކަމަށެވެ.

މިރޭ 8:00 އަށް ތާވަލު ކުރި ބައްދަލުވުމަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ، އެޓާނީ ޖެނެރަލްގެ އޮފީހާއި، އެމްއެންޑީއެފް، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހޯމް މިނިސްޓްރީގެ ބޭފުޅުނެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިމަހުގެ 12 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު، ހުސައިން ޝަހީމް (އަދުން ހުސައިން)އެވެ. އިބްތިދާއީ ބަހުސަށްފަހު، ކޮމިޓީއަށް ފޮނުވުމަށް ބިލު ބަލައިގަތީ އިއްޔެ އެވެ.

އިބްތިދާއީ ބަހުސްގައި ގިނަ މެމްބަރުން ވަނީ ބިލުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނުމަށް ހިމަނާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބިލުގައިވާގޮތުން، ކުށުގެ ތުހުމަތުވާ މީހަކު ކޯޓު އަމުރަކާ ނުލާ ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި ކޯޓު އަމުރެއް ނެތި 48 ގަޑި އިރުވަންދެން އެ މީހަކު ހައްޔަރުކޮށްފައި ބެހެއްޓުމުގެ ބާރު ފުލުހުނަށް އޮވެއެވެ. މީގެ އިތުރުން ގާނޫނު އަސާސީން ލިބިދިފައިވާ ބައެއް ހައްގުތައް ހިފެހެއްޓުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު، ދައުރުން ބޭރުން މަޖިލިސް ބާއްވަމުން މިދަނީ، ބިލު ވީހާވެސް އަވަހަކަށް ނިންމުމަށް ބޭނުންވާ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ސޯޅިހް ވިދާޅުވެފައި ވަނީ، ބިލިގައި ހުރި ކަންތައްތަކަކީ، މިހާރަށް މިހާރަށް ގާނޫނަށް ގެންނަ ޖެހޭ އިސްލާހުތައްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ބިލުގައިވަނީ، ޓެރިރިޒަމް ވަރަށް ފުޅާ މިނެއްގައި މާނަ ކޮށްފައެވެ. އެގޮތުން ދީނީ، ސިޔާސީ ނުވަތަ ވަކި ފިކުރެއް ކުރިއަރުވުމަށް ކުރާ ކަންތައްތަކުގައި މީހަކަށް ނުވަތަ ތަނަކަށް ދެވޭ ގެއްލުމަކީވެސް ޓެރެރިޒަމްގެ ގޮތުގައި މާނަ ކުރުމަށް ބިލުގައި ވަނީ ހިމަނާފައެވެ.

ބިލުގައި ކުށް ކަމުގައި ކަނޑައަޅާފައިވާ ކަންކަން:
ހަނގުރާމައަށް ދިއުން، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުން. އަދި ހަނގުރާމަވެރި އަމަލެއް ކުރަން އުޅުން ނުވަތަ އެފަދަ ކަމެއް ކުރަން އެހީވުން ނުވަތަ އެކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުން.
ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރުން އަދި އެފަދަ ތަކެތިން ވިޔަފާރިކުރުން.
ޓެރަރިސްޓް ޖަމާއާތަކަށް ތާއީދުކުރުން އަދި ތާއީދުކުރުމަށް ގޮވާލުން
ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ހަރަކާތްތަކަށް ހިތްވަރުދީ އެފަދަ ހިޔާލެއް ފާޅުކުރުން. އަދި އެކަަމަށް ހިތްވަރު ލިބޭ ހަރަކާތެއްގައި ބައިވެރިވުން. އަދި އެފަދަ ހަރަކާތެއް ރާވަައި ހިންގުން.
ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރެއްކަމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ އަންނައުނެއް އާންމު ތަނެއްގައި ލުން. ނުވަތަ އެފަދަ ދޭހައެއްވުން އެކަށީގެންވާ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ބަޔަކަށް ފެންނާނެ ގޮތަށް ގެންގުޅުން ނުވަތަ ބޭނުންކުރުން.