ކެމިކަލް ގަވައިދާ ހިލާފު ވެއްޖެ ނަމަ، 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ކަނޑައަޅައި، އެ ގަވައިދު ގެޒެޓް ކޮށްފިއެވެ.

ރާއްޖެ އަށް ކެމިކަލް އެތެރެކުރުމާއި ގުދަންކޮށް ވިއްކުމާ ބެހޭ ގަވާއިދެއް އެކުލަވާލައި، ގެޒެޓް މި ކުރެވުނީ ފުރަތަމަ ފަހަރަށެވެ. މި ގަވައިދު އެކުލަވާލައި ގެޒެޓް ކޮށްފައި މިވަނީ، މިިދިޔަ ހުކުރު ދުވަހުގެ ރޭ އަބަދަށްފެހި މަގު، ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ އެ ސަރަހައްދުގެ ހަ ގެއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައި އަޅިއަށްވެފައި ވަނިކޮށެވެ. އެ ހާދިސާގައި އެކަކު މަރުވިއިރު، 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހި، ދިރިއުޅެމުންދަނީ ވަގުތީ ބޯހިޔާވަހިކަމެއްގައެވެ.

މިއަދު އަމަލު ކުރަން ފެށި ގަވާއިދުގައި ބުނާގޮތުން، ރާއްޖެ އަށް ކެމިކަލް އެތެރެކުރާ އިރު ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ލޭބަލް ހަރުކޮށްފައި ނުވާ ނަމަ 5،000 ރުފިޔާ އާއި 20،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވެނޭ އެވެ. އަދި އެކުށް ފިޔަވައިި، ގަވާއިދުގެ އެހެން ކަމަކާ ހިލާފު ވެއްޖެ ނަމަ ކުޑަ ބޮޑު މިނަށް ބަލައި 50،000 ރުފިޔާއާ ހަމަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ. ޖޫރިމަނާ ކުރެވޭނެ އެންމެ ކުޑަ އަދަދަކީ، 5،000 ރުފިޔާ އެވެ.

ޖޫރިމަނާ ކުރުމުުގެ އިތުރުން، ޑިފެންސް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ބާރުވެސް އެ މިނިސްޓްރީއަށް ވަނީ ދީފައެވެ.

ޖުމްލަ 41 ސަފްހާގެ މައްޗަށް އެކުލެވޭ މި ގަވައިދުގެ މަގުސަދަކީ، ނުރައްކާތެރި ކެމިކަލް އަކީ ކޮބައިކަން ކަނޑައަޅައި، އެފަދަ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި އެ ތަކެއްޗާމެދު އަމަލު ކުރާނެ އުސޫލުތައް ބަޔާން ކުރުމެވެ.

ކެމިކަލް ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ ދޭ ޝަރުތުތައް:

  • ރައްކާތެރިކަމާ އެކު ކެމިކަލް އުފުލައި ގެންގުޅުމުގެ އިންތިޒާމް ހަމަޖެހިފައި ވުން.

  • ރައްކާތެރިކަމާ އެކު ގުދަންކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން.
  • ކެމިކަލެއް ރައްކާތެރިކަމާއެކު ގެންގުޅެ ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ކެމިކަލް ގަންނަ ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުން.
  • ނުރައްކާތެރި ކެމިކަލް ގުދަންކޮށްފައި ބަހައްޓާ ތަނަށް ލިބިދާނެ ގެއްލުމަކަށް ޒިންމާވާނެ ގޮތަށް ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕޮލިސީއަކުން އިންޝުއާކޮށްފައި ހުރުން.

ގުދަނުގައި ފުރިހަމަވާން ޖެހޭ ކަންތައްތައް:

  • ގުދަނުގައި ބަހައްޓާ ކެމިކަލްތައް (ފަޔަރ ހަޒަޑް، އެކްސްޕްލޯސިވް ހަޒަޑް، ފިއުލް ހަޒަޑް، މަލްޓިފިއުލް ހަޒަޑް) ބަހައްޓަންޖެހޭނީ އެކި ބާވަތްތައް ވަކިވަކިން

  • ގުދަނުގައި ކެމިކަލް ފިޔަވައި އެހެން ބާވަތްތައް ގުދަންކުރުމަކީ ހުއްދަ ކަމެއް ނޫން.
  • ކެމިކަލް ރައްކާކުރާ ގުދަނަކީ މީހުން ދިރިއުޅޭ އިމާރާތެއްގައި ހުރި ތަނަކަށް ވެގެން ނުވާނެ.
  • ގުދަނުގައި ސެކިއުރިޓީ ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެހިފައިވުން.
  • ގުދަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަލި ފާން ނިވާ ގޮތުގެ ތަމްރީން އަދި ފުރަތަމަ އެހީ ދޭނެ ގޮތުގެ
    ތަމްރީން ދެވިފައި ތިބުން.
  • އާދަޔާ ހިލާފަށް ނުރައްކާތެރިކަން ބޮޑު ހުރިހާ ކްލާހެއްގެ ކެމިކަލްތައް ވެސް ހުންނަންވާނީ ދަގަނޑު
    އަލަމާރިއެއްގައި ވަކިން ގުދަންކުރެވިފ

ގަވާއިދުގައި ބުނާ ގޮތުން، ކެމިކަލް އެތެރެކުރާ ފަރާތްތަކުން އެތެރެކުރާ ކެމިކަލް، އެއްވެސް ފަރާތަކަށް ވިއްކަންވާނީ ޑިފެންސް މިނިސްޓްރީން "ކެމިކަލް ވިއްކުމުގެ ހުއްދަ" ނަގައިގެންނެވެ. ހުއްދަ ދޫކުރާނީ ކެމިކަލްގެ ނުރައްކާތެރިކަން ހުރި މިންވަރެއްގެ މައްޗަށް ބަލައި، މިނިސްޓްރީން ކަނޑައަޅާ އަދަދަކަށެވެ. މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި، ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓް ކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

ނުރައްކާތެރި ކެމިކަލެއް ވިއްކަންވާނީ އެތަކެތި ގަންނަނީ ކޮންފަރާތަކުންކަން އެނގޭނެ ރަސްމީ ލިޔުމެއް ގެނައުމުން ކެމިކަލް ގަންނަ ބޭނުން އަދި ގަންނަފަރާތުގެ ކާކުކަން އެނގޭނެ މައުލޫމާތު ލިޔުމުން ރިކޯޑު ކުރުމަށްފަހުގައެވެ. އަދި އެރެކޯޑު ރަސްމީ އިދާރާއަކުން ބަލަންބޭނުންވެއްޖެ ހިނދެއްގައި އެއިދާރާއަކަށް ދެއްކޭނެ ފަދައަކުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެ ކަމަށް ގަވާއިދުގައި ބުނެއެވެ.