12 Nov 2011, 14:34
ދީނީ ހިޔާލު ތަފާތުވުންތަކާއި އިންޑިއާ ކަނޑުގައި ދިމާވެފައިވާ ކަނޑުފޭރުމުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރުން ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އިންޑިއާ އިން އެހީތެރިވެދޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 78 އަހަރުވީ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް މަޖިލީހުގެ ތަޅުމުގައި ބޭރުގެ ގައުމެއްގެ ފަރާތުން ތަގުރީރު ކުރައްވަމުން މަންމޯހަން ސިންގް މިއަދު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ޓަކައި އިންޑިއާގެ އެކި ދާއިރާތަކުން އެހީތެރިވެދެއްވާނެ ކަމަށެވެ. އެ ގޮތުން އިގްތިސާދީ އިންވެސްޓުމެންޓްތަކާއި ކަނޑާއި ވައިގެ ސަރަހައްދު ބަލަހައްޓާ ދާއިރާތަކާއި މަސްވެރިކަމާއި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި އިޔާދަ ކުރަނިވި ހަކަތަ ކުރިއެރުވުމަށް އިންޑިއާއާ އެކު، ގުޅުޅިގެން މަސައްކަތް ކުރުމަށް ފްރޭންމްވޯކް އެގްރީމެންޓެއްގައި ސޮއިކޮށްފައިވާ ކަމަށް ވެސް މަންމޯހަން ސިންގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގެދޮރު އިމާރާތް ކުރުމަށް 40 މިލިއަން ޑޮލަރުގެ ]616.8 މިލިއަން ރުފިޔާ[ ލައިން އޮފް ކްރެޑިޓް ރާއްޖެ އަށް ދީފައިވާ ކަމަށާއި އަދި ވަރަށް އަވަހަށް އެ ނިޒާމުގެ ދަށުން ދޫކުރި ފައިސާ އިން އަޅާ ގެދޮރު ފެނިގެންދާނެ ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް އިންޑިއާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ހައްލުކޮށްދެއްވާނެ ކަމަށް ވެސް އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާތަކާ އެކު ގާތް ގުޅުމެއް އިންޑިއާ އިން ބާއްވާނެ ކަމަށް އިޝާރާތް ކުރައްވައި މަންމޯހަން ސިންގް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު، ޓޫރިޒަމް ދާއިރާތަކު ކުރިއަރާދާނެ ޕްރެޖެކްޓުތައް ހިންގުމުގައި އިންޑިއާގެ ކުންފުނިތައް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
"ރާއްޖެ އަށް ފައިސާ ވަންނަ އެންމެ ބޮޑު ދާއިރާއަކީ ފަތުރުވެރިކަމު ސިނާއަތް. އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިގެން، އެކި ޕްރޮޖެކްޓްތައް ހިންގަމުން އެބަދޭ. ރާއްޖޭގެ އިގްތިސާދީ މާލީ އިދާރާތަކާ އަޅުގަނޑުމެން ގާތް ގުޅުމެއް ބާއްވަމުން މިދަނީ. އަދި އަޅުގަނޑުމެން އުންމީދަކީ ޒަމާނީ ފެންވަރަށް ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އާއި ކާބޯތަކެތި ތައްޔާރުކުރާ އިސްޑަސްޓްރީތައް ތައްރައްގީ ކުރެވޭތޯ ބެލުން،" 67 މެންބަރުން ހާޒިރުވި ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ތަގްރީރު ކުރައްވަމުން މަންމޯހަން ސިންގް ވިދާޅުވި އެވެ.
އިންޑި އާއި ރާއްޖެއާ ދެމެދު ދަތުރުފަތުރު ކުރުމުގެ މަޝްރޫތަކެއް ފެނިގެންދާނެ ކަމަށް ވިދާޅުވެ މަންމޯހަން ސިންގް ވިދާޅުވީ މާލެ އާއި އިންޑިއާގެ ކޮޗިންއާ މެދެދު ކާގޯ ޕެސިންޖާ ލައިނެއް، ފެރީގެ ހިދުމަތެއްގެ ގޮތުގައި ދަތުރު ކުރުމަށް ވާހަކަތަކެއް ދެ ގައުމުގެ މެދުގައި ބަދަލު ކުރާ ކަމަށެވެ. އަދި އިންޑި އާއި ރާއްޖެއާ ދެމެދު އުދުހޭނެ އިތުރު އެއާލައިންތަކެއް ހަމަޖައްސާދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ ވެއްޓަށް ރައްޔިތުންގެ ގެނެސްފައިވާ ބަދަލުތަކާ އެކު ވެރިކަމުގެ ނިޒާމަޝާއި ޝަރުއީ ދާއިރާ އަށާއި ގާނޫނު ހަދާ ރައްޔިތުންގެ މަޖިލީހަށް އަންނަމުންދާ ކުރިއެރުންތަކަށް ތައުރީފު ކުރައްވައި މަންމޯހަން ސިންގް ވިދާޅުވީ ގާނޫނީ ހެދުމުގައި އެހީތެރިކަން އިންޑިއާ އިން ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ފުރިހަމަ ޑިމޮކްރަޓިކް ނިޒާމެއް ގާއިމު ކުރުމަށް އިންޑިއާ އިން އެހީތެރިވެދެއްވާނެ ކަމަށެވެ.
އިންޑިއާގެ ޕާލަމެންޓް ހައުސް، ލޮކް ސަބާހްގެ ސްޕީކަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ވަރަށް އަވަހަަށް ރާއްޖެވަޑައިގަންނަވާނެ ކަމަށް ވެސް މަންމޯހަންސިންގް ވިދާޅުވި އެވެ.
ރާއްޖެ އަށް ދިމާވެފައިވާ މޫސުމީ ގޮންޖެހުންތައް ހައްލު ކުރުމަށް ރާއްޖެ އިސް ސަފުގައި އޮވެ، ބައިނަލްއަގުވާމީ މުޖުތަމައުގައި ކުރަމުންދާ މަސައްކަތުގައި އެކައްޗެއްގެ ގޮތުގައި އިންޑިއާ މަސައްކަތް ކުރާނެ ކަމަށް މަންމޯހަން ސިންގް ވިދާޅުވި އެވެ. އަދި ކާބަން ނިއުޓްރަލް ގައުމަށްވުމަށް ރާއްޖެ ކުރަމުންދާ މަސައްކަތުގައި އެ ގައުމުން ފުރިހަމަ އަށް އެއްބާރުލުންދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު މަންމޯހަން ދެއްވި ހިތާބަށް ފަހު މަޖިލީހުގެ މިއަދު ޖަލްސާ އަށް ހާޒިރުވި 67 މެންބަރުންނާ ސަލާމް ކުރައްވައި އެ ބޭފުޅުންގެ ވާހަކަތައް އެމަނިކުފާނު އަޑު އެއްސެވި އެވެ. މިއަދު ޖަލްސާ އަޑު އެހުމަށް އިންޑިއާގެ ޕާލަމެންޓް ބައެއް މެންބަރުންނާއި އެގައުމުގެ އިސްވެރިނާއި ބޭރުގެ މީޑިއާތަކުން ބައިވެރިވި އެވެ.