23 Sep 2019, 16:38
ރާއްޖޭގެ ފުޓުބޯޅަ މިހާރު މިއޮތް ދަތި ހާލު އަވަސް މުސްތަގުބަލެއްގައި ހައްލު ނުކުރެވިއްޖެ ނަމަ ދެއަހަރެއްހާ ދުވަހުގެ ތެރޭ ފުޓުބޯޅަ ލީގު ވެސް އުވި، ފުޓުބޯޅަ އެކީއެކައްޗަކަށް ވީރާނާ ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.
ކުލަބުތަކަށް ދިމާވެފައި އޮތް ބޮޑެތި މާލީ ދަތި ހާލާ އެކު އެއްބައި ކުލަބުތަކުން މުސާރަ ނުދޭތީ ކުޅުންތެރިން ޕްރެކްޓިހަކަށް ނުނިކުމެ އެވެ. އަނެއްބައި ޓީމުތަކުގެ ކޯޗުން ވަނީ އިސްތިއުފާ ދީފަ އެވެ. އަދި ބައެއް ކުލަބުތައް މެޗަށް ވެސް ހާޒިރު ނުވެ އެވެ. މިއީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ މި ފެންވަރަށް މީގެ ކުރިން ގޮސްފައި ނުވާހާ ދަށު ދަރަޖަ އެކެވެ. ކުލަބުތަކުން ދައްކާ ބަހަނާ އަކީ ހިންގޭނެ ވަރަށް ލާރި ނެތް ކަމުުގެ ބަހަނާ އެވެ.
ގިނަ އުންމީދުތަކަކާ އެކު މިފަހަރުގެ ލީގަށް ކުލަބުތަކުން ކުރިމަތިލީ ސަރުކާރުންނާއި އެފްއޭއެމުން ބޮޑެތި ވައުދުތަކެއް ވެފައި ވަނިކޮށެވެ. ނަމަވެސް ދެ އިދާރައިގެ ދެމެދުގައި ޖެހުނު މައްސަލަ އާ އެކު އެފްއޭއެމުން ނިންމީ އެ އިދާރާ އަމިއްލައަށް އިސްނަގައިގެން ކުލަބުތަކާ އެކު ކުރިއަށް ދިއުމަށެވެ. އެހެން ކަމުން ސަރުކާރުން ކުލަބުތަކާ އެކު އަތު ހިފައިގެން ހުރި ހުރުން ދޫކޮށްލީ ކުލަބުތަކުން ވެސް އެކަމަށް ތާއީދު ކުރުމުންނެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަޖުރިބާކާރު ކޯޗު އިންމަ ބުނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކަށް ދިމާވެފައިވާ މައްސަލަތަކުގެ އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކުޅުންތެރިންނަށް ކަމަށެވެ. އަދި މިހާރުގެ ހާލަތުވީ އެންމެ އަވަހަކަށް ކަމާ ބެހޭ ހުރިހާ އެންމެން އެކައްޗެއް ކިޔައިގެން ބަދަލު ނުކޮށްފި ނަމަ ކައިރި މުސްތަގުބަލެއްގެ ތެރޭގައި ފުޓުބޯޅަ ވީރާނާވާނެ ކަމަށެވެ.
"މި ހާލަތުގެ ސަބަބުން ރާއްޖޭގެ ހުރިހާ ފުޓްބޯޅަ ކުޅުންތެރިން މީގެ ތާށިވެފައި މި ތިބީ. އެހެންވީމާ މިއީ ދިވެހިރާއްޖޭގެ ބޯޅަ ކުޅޭ ޕްލޭޔަރުންނަށް ވަރަށް އުނދަގޫ ހާލަތެއް. ދެން މީގެ އެ ޕްލޭޔަރުންނަށް މީގެއިން ނުކުމެވޭކަށެއް ނެތް. މީގެ ހުރެގެން އެ މީހުންގެ ފުޓްބޯޅަ އަށް މިދޭ 100 ޕަސެންޓް ވިސްނުމާ ހުރިހާ އެއްޗެއް ދެވޭކަށެއް ނެތް،" އިންމަ ބުންޏެވެ.
އިންމަ ބުނީ، ސަރުކާރުން ވެސް ކުލަބުތަކުން މި ދަނޑި ވަޅުން އަރައިގަތުމަށް އެހީތެރިވާން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ކުރިއަށް އޮތް ދެ އަހަރެއް ތެރޭ ފުޓުބޯޅަ ލީގު ހުއްޓާލަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި ކަން އެހެން ވެއްޖެ ނަމަ ރާއްޖޭގައި ސްޓޭޑިއަމްތައް އެޅުމާއި ދަނޑުތައް ތަރައްގީ ކުރުމަކީ ބޭކާރު ކަމަކަށް ވެގެން ދާނެ ކަމަށެވެ. ރާއްޖޭގެ ލީގު ފުޓްބޯޅަ ހުއްޓާލައިގެން ހަމައެކަނި ގައުމީ ޓީމުތައް ކުޅޭ ގޮތަށް އޮންނަ ހާލަތާ ދިމާލަށް ދާން ޖެހުން އެއީ ފުޓްބޯޅަ ކުރިއެރުން ކަމުގައި ބަލައިގަނެވެން ނެތް ކަން ވެސް އިންމަ ވަނީ ފާހަގަ ކޮށްފަ އެވެ.