23 Sep 2019, 14:55
އެއްވެސް ކުލަބަކަށް ސަރުކާރުން ލާރި ދޭނެ ކަމަށް ބުނެފައި ނޯންނާނެ ކަމަށާއި ބައެއް ކުލަބުތަކުން ސަރުކާރު ބަދުނާމު ކުރުމުގެ ގޮތުން ދައްކާ ވާހަކަތަކަކީ ކަނޑަ އެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މިފަހަކަށް އައިސް ފުޓުބޯޅައިގެ މަޝްރަހު ގޯސްވެ ގިނަ ކުލަބުތަކެއް ވަނީ ކުޅުންތެރިންނަށް މުސާރަ ދެވޭނެ ގޮތެއް ނެތި ހާލުގައި ޖެހިފަ އެވެ. ބައެއް ކުލަބުތަކުން މުސާރަ ނުދޭތީ ކުޅުންތެރިން ޕްރެކްޓިހަށް ނުނިކުންނަ އިރު އަނެއް ބައި ޓީމުގެ ކޯޗުން ވެސް ވަނީ އިސްތިއުފާ ދީފަ އެވެ. ކުލަބުތައް އޮތީ މުޅިން އިނދަ ޖެހިފަ އެވެ. އެހީއަކަށް އެދި އެދި ތިބި އެ ކުލަބުތަކުގެ ބަހަނާ އަކީ ސަރުކާރުންނާއި އެހެނިހެން ފަރާތްތަކުން އެކުލަބަށް ދޭން ވައުދުވީ ލާރި ނުދިނުމެވެ.
ކުލަބުތައް މިހާ ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮއްވާ ދެން ފެނުނީ ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންތައްތަކުގައި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީ އަށް ލަފާދިނުމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް މެމްބަރުންގެ ކޮމިޓީއެއް އެފްއޭއެމުން އެލުލަވާލި ތަނެވެ. އެއާ އެކު ޔޫތު މިނިސްޓަރަށާއި އެފްއޭއެމަށް އަނެއްކާ ވެސް ފާޑު ކިޔުންތައް އެކީ އެކައްޗަކަށް ރައްޔިތުން އަމާޒު ކުރި އެވެ.
ސަބަބަކީ ކްލަބު ފުޓުބޯޅައަށް އެއްވެސް އަޅާލުމެއް ނުދީ ގައުމީ ޓީމް ކުރިއަރުވަން މަސައްކަތް ކުރުމަކީ ފޫނެތް ފަޔަކަށް ފެންފުރުން ފަދަ ކަމަކަށް ވާނެތީ އެވެ. ކުލަބުތައް ނެތި ލީގެއް ނޯންނާނެ އެވެ. ލީގެއް ނެތި ކުޅުންތެރިންނެއް ވެސް ނުތިބޭނެ އެވެ. އެހެން ކަމުން ގައުމީ ޓީމު ކުރިއަރުވަން ބޭނުންވާ ނަމަ ކުލަބުތައް ވެސް ފުއްދުންތެރި ވާންޖެހެ އެވެ. އެހެން ނުވާ ނަމަ ކުޅުންތެރިންގެ ވާދަވެރިކަމެއް ނޯންނާނެ އެވެ.
ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހްލޫފް ވަނީ ކުލަބުތަކަށް ސަރުކާރު ފަޅިން ލާރި ދޭނެ ކަމަށް އެއްވެސް އިރަކު ބުނެފައި ނޯންނާނެ ކަމަށް ބުނެފަ އެވެ.
"އެއީ ހަމަ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑުމެން ނޯންނާނެ އެއްވެސް ކުލަބަކަށް ޔަގީންކަމެއް ދީފައެއް ލާރި ދޭނެ ކަމަކަށް. އެކަމަކު ކުރިން އެފްއޭއެމް ކަންތައް ގަނޑު އުޅުން އިރު އަޅުގަނޑުމެން ބުނިން އިންތިހާބުގެ ނަތީޖާ [އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށް ބާއްވަން އުޅުން އިންތިހާބު] އަށް ވާ ގޮތަކުންނޭ އިނގޭނީ އެސްއޯއީ ކަންތަކުގައި މަޝްވަރާއަކަށް ދާނެ ވާހަކަ،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބައެއް ކުލަބުތަކުން އޭރު ބުނީ ސަރުކާރުގެ ލާރި ބޭނުން ނޫން ކަމަށެވެ. އަދި އެ ކުލަބުތަައް ކުރިއަށް ދާން ބޭނުން ވަނީ އެފްއޭއެމްގެ ބަޖެޓުގައި ކަމަށެވެ. އެހެން ކަމުން މިހާރު އެވާހަކަތައް ސަރުކާރުގެ ބޮލުގައި އެޅުވުމުން ބަލައި ނުގަނެވޭނެ ކަމަށެވެ.
މަހްލޫފް މިހެން ބުނެފައި ވާ އިރު ދާދި ފަހުން "ސަން" އަށް ދިން އިންޓަވިއުއެއްގައި ޓީސީ ސްޕޯޓްސް ކުލަބުގެ ޗެއާމަން އަހްމަދު ނަޝީދު (ޑޭވް) ބުނީ މީގެ ކުރިން މިނިސްޓަރ މަހްލޫފް އަދި މިނިސްޓަރު އަލީ ވަހީދު ވެސް ކުލަބުތަކަށް ފައިސާ ދޭނެ ކަމަށް އެއްބަސްވި ކަމަށެވެ. އެހެން ނަމަވެސް އެ ފައިސާ އަދިވެސް ދީފައި ނުވާ ކަމަށެވެ.
ކޮންމެއަކަސް ކުލަބުތަކާއި އެފްއޭއެމާއި ޔޫތު މިނިސްޓަރާ ދެމެދު މިވަނީ ކޯޅުންގަނޑު ބޮޑު ވެފަ އެވެ. މީގެ ސަބަބުން ގެއްލުން ވާނީ ދިވެހި ފުޓުބޯޅައަށެވެ.
ސަރުކާރުގެ އިސްނެގުމާ އެކު 2017 ވަނަ އަހަރު ފެށި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) އެސިސްޓަންޓްސް ޕްރޮގްރާމުގެ ދަށުން ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ކޮންމެ ޓީމަކަށް ދެ މިލިއަން ރުފިޔާ ދެ އެވެ. އަދި ޕްރިމިއާ ލީގަށް ހޮވިއްޖެނަމަ އިތުރު އެއް މިލިއަން ރުފިޔާ ދެ އެވެ. އެސްއޯއީގެ ތެރެއިން ސަރުކާރު ހިއްސާވާ 12 ކުންފުނި މެދުވެރިކޮށް 26 މިލިއަން ރުފިޔާ އަހަރަކު ފުޓްބޯޅަ އަށް ހަރަދުކުރާ ގޮތަށް އެއްބަސްވުމުގައިވެ އެވެ.
އެސްއޯއީ އެއްބަސްވުމުގެ ތެރެއިން ކްލަބްތަކުން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގެއް ތަނަވަސްކުރުމަކީ އެކަމަކު ބޮޑު ފައިދާއެއް ދުރު މުސްތަގުބަލުގައި ފުޓްބޯޅަ އަށް ކުރާނެ ކަމެއްގެ ގޮތުގައި އޭރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ. އެކަމަށް އޭރު ކްލަބްތަކުން އާ ބަސް ބުނި ނަމަވެސް ހަގީގަތަކީ އޭގެ އިން އެ ބޭނުންވި ވަރުގެ މަންފާއެއް ނުކުރި ކަމެވެ.
މަހްލޫފް މިއަދު ވިދާޅުވީ ސަރުކާރުން ކޮންމެ ކުލަބަކަށް ތިން މިލިއަން ދީގެން ހިންގުމަކީ މުހިއްމު ކަމެއް ނޫން ކަމަށެވެ.
"ދައުލަތުން އަހަރަކު ތިން މިލިއަން ރުފިޔާ ދީގެނެއް ނޫން މީގެ ކުރިން ވެސް ފުޓުބޯޅަ މުބާރާތްތައް ކުޅުނީ. ކުލަބަކަށް ތިން މިލިއަން ރުފިޔާއަކީ މާ ބޮޑު އެއްޗެއް ވެސް ނޫން. އެކަމަކު އެ ފައިސާ އެހެން ކުޅިވަރަކަށް، މިސާލަކަށް ބެޑްމިންޓަނަށް ބަދަލު ކޮށްފި ނަމަ އެ ކުޅިވަރު އެކީ އެކައްޗަކަށް ކުރި އެރުވޭނެ،" މަހްލޫފް ވިދާޅުވި އެވެ.