ޓެރަރިޒަމްގެ ކުށް ފުޅާކޮށް އަދި އިތުރަށް ތަފްސީލުކޮށް ސަރުކާރުގެ ފަރާތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާކުރުމަށް މިރޭ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމަށް ކަމާ ގުޅޭ މުއައްސަސާތަކުގެ އިސް ބޭފުޅުން ހާޒިރުކުރަން އެޖެންޑާ ކޮށްފިއެވެ.

މިރޭ 20:00 ށް ތާވަލުކޮށްފައިވާ ކޮމިޓީ ބައްދަލުވުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއި، އެމްއެންޑީއެފް، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހޯމް މިނިސްޓްރީގެ ބޭފުޅުން ހާޒިރުކުރަން ވަނީ ނިންމައިފައެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ހުށަހަޅުއްވާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި މަޖިލީހަށް ބަލައިގަތީ އިއްޔެއެވެ.

ޓެރަރިޒަމް ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނިކޮށެވެ. އަދި އެ ބިލުގެ މަސައްކަތް ކުރިއަށް ގެންދަން ދައުރުން ބޭރުން ދެ ޖަލްސާއެއް ވަނީ ބާއްވައިފައެވެ.

ޓެރަރިޒަމްގެ ބިލަށް ސަރުކާރުގެ ފަރާތުން ބޮޑެތި އިސްލާހުތަކެއް ހުށަހެޅިއެވެ. އެގޮތުން ޓެރަރިޒަމްގެ ކުށް ކުރި ކަމަށް ނުވަތަ ކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ މީހަކު ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދޭން ބިލުގައި ވަނީ ހިމަނާފައެވެ. އަދި އެމީހަކު 48 ގަޑިއިރު ކޯޓަށް ހާޒިރުނުކޮށް ބަންދުގައި ބަހައްޓަން ޖެހޭ ގޮތަށް ހެދުމަށްވެސް ބިލުގައި ހިމަނާފައި ވެއެވެ.

ބިލުގައި ވާގޮތުން ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކުރުމަށް ހުއްދަ ދެވެނީ ސަބް އިންސްޕެންޓަ އޮފް ޕޮލިސް ރޭންކުން މަތީގެ ފުލުހުންނަށެވެ. އެކަމަށް މިއަދު ބައެއް މެމްބަރުން މަޖިލީހުގައި އިއުތިރާޒު ކުރި އެވެ.

މެމްބަރުން ދެކޭ ގޮތުން އެފަދަ ބޮޑު ބާރެއް ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް ރޭންކަށް ދޭ ކަމަށް ވާނަމަ ޓެރަރިޒަމް ގާނޫނު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ބޮޑެވެ. އެހެންވީމާ އެބާރު ދޭން ވާނީ އެސިސްޓެޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކުތަކަށް ކަމަށް މެމްބަރުން ދެކެ އެވެ. އެހެންވެ ބިލު ކޮމިޓީ މަރުހަލާގައި އިސްލާހު ކުރުމަށް ބައެއް މެމްބަރުން ގޮވާލި އެވެ.

އޭގެ އިތުރުން މީހަކު ހައްޔަރު ކުރުމަށް ފަހު 24 ގަޑިއިރަށްވުރެ ގިނަ އިރު ކޯޓަށް ހާޒިރު ނުކޮށް ފުލުހުންގެ ބަންދުގައި ބޭންދުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއްކަން މެމްބަރުން ފާހަގަ ކުރި އެވެ. އެހެންވެ ބިލު އިސްލާހު ކުރާއިރު އެމާއްދާ އުވާލަންވެސް ބައެއް މެމްބަރުން ހުށަހެޅި އެވެ.

ޓެރަރިޒަމްގެ ބިލަށް ސަރުކާރުން އިސްލާހުތައް ހުށަހެޅިއިރު ޓެރަރިޒަމްގެ ކުށަށް ވަނީ ކޮންކޮން ކަމެއްކަން ތަފްސީލުކޮށްފައިވެ އެވެ.

ބިލުގައި ކުށް ކަމުގައި ކަނޑައަޅާފައިވާ ކަންކަން:

  • ހަނގުރާމައަށް ދިއުން، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުން. އަދި ހަނގުރާމަވެރި އަމަލެއް ކުރަން އުޅުން ނުވަތަ އެފަދަ ކަމެއް ކުރަން އެހީވުން ނުވަތަ އެކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުން.
  • ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރުން އަދި އެފަދަ ތަކެތިން ވިޔަފާރިކުރުން.
  • ޓެރަރިސްޓް ޖަމާއާތަކަށް ތާއީދުކުރުން އަދި ތާއީދުކުރުމަށް ގޮވާލުން
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ހަރަކާތްތަކަށް ހިތްވަރުދީ އެފަދަ ހިޔާލެއް ފާޅުކުރުން. އަދި އެކަަމަށް ހިތްވަރު ލިބޭ ހަރަކާތެއްގައި ބައިވެރިވުން. އަދި އެފަދަ ހަރަކާތެއް ރާވަައި ހިންގުން.
  • ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރެއްކަމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ އަންނައުނެއް އާންމު ތަނެއްގައި ލުން. ނުވަތަ އެފަދަ ދޭހައެއްވުން އެކަށީގެންވާ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ބަޔަކަށް ފެންނާނެ ގޮތަށް ގެންގުޅުން ނުވަތަ ބޭނުންކުރުން.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން ޖިނާއީ ކުށެއްގެ ތަހުގީގަށް މީހަކު ހައްޔަރުކޮށްގެން ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދާތާ 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި، ދައުވާ އުފުލަން ޖެހެއެވެ. އަދި އެ މުއްދަތުގައި ދައުވާ ނުކުރެވިއްޖެނަމަ އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެވޭނެއެވެ.

އެހެން ނަމަވެސް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގައި ވަނީ އެ ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ މީހުންގެ ތަހުގީގު 45 ދުވަހުގެ ތެރޭގައި ނިންމައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭނެ ކަމަށާއި، އަދި ޕީޖީ އޮފީހަށް ފޮނުވާތާ 15 ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ވާނެކަމަށް ހިމަނާފަ އެވެ.

ޓެރަރިޒަމް ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައި ވަނީ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.