ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ރ. ދުވާފަރު، ގއ. ވިލިނގިލި އަދި އައްޑޫ ސިޓީ ހުޅުދޫގައި ތަރައްގީ ކުރާ ފުޓްބޯޅަ ދަނޑުގެތަކުގެ ސަބް ބޭސް ތައްޔާރުކުރުމަށް އެމްޓީސީސީއާ އެކު ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަޙްމަދު މަޙްލޫފް ސޮއިކުރެއްވި އިރު އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ.

ތިން ރަށެއްގެ ސަބްބޭސް އެޅުމަށް އެމްޓީސީސީއާ އެކު ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ބައްދަލު ކުރައްވަނީ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މި އެއްބަސްވުމުގެ ދަށުން މަސައްކަތް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެ އެވެ. މި ތިން ޕްރޮޖެކްޓަށް ގާތްގަނޑަކަށް ޖުމްލަ 7.5 މިލިއަން ރުފިޔާ ޚަރަދުވެ އެވެ.

މީގެކުރިން ވަނީ ތ. ވިލުފުށި، ޅ. ހިންނަވަރު، ނ. ހޮޅުދޫ، ނ. ކެނދިކުޅުދޫ، ލ. ގަން، ގދ. ތިނަދޫ، ތ. ތިމަރަފުށި، ވ. ކެޔޮދޫ، ހއ. ހޯރަފުށި އަދި އައްޑޫ ސިޓީ ފޭދޫގެ އިތުރުން ފުވައްމުލައް ސިޓީގައި ތަރައްގީ ކުރަމުންދާ ފުޓްބޯޅަ ދަނޑުތަކުގެ ސަބް ބޭސް މަސައްކަތް ކުންފުނިތަކާއި ހަވާލުކޮށްފަ އެވެ.

އޭގެތެރެއިން ޅ. ހިންނަވަރު، ނ. ހޮޅުދޫ އަދި ނ. ކެނދިކުޅުދޫގައި ތަރައްގީ ކުރާ ފުޓްބޯޅަ ދަނޑުގެތަކުގެ ސަބް ބޭސް ތައްޔާރުކުރުމަށް ސިފައިންގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އާ ހަވާލުކުރި އިރު ބާކީ ހުރިހާ ރަށެއްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.

ތިން ރަށެއްގެ ސަބްބޭސް އެޅުމަށް އެމްޓީސީސީއާ އެކު ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ބައްދަލު ކުރައްވަނީ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މިއަދު ބޭއްވި ސޮއި ކުރުމުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ އެމްޓީސީސީއާ މި މަސައްކަތް ހަވާލު ކުރުމުގެ ބޭނުމަކީ އެ ކުންފުނީގައި އެ މަސައްކަތް ކުރުމަށް ބޭނުންވާނެ ގިނަ އާލަތްތައް ހުރުމުން ކަމަށެވެ. އަދި ސަބް ބޭސް މަސައްކަތަކީ ގިނަ އަދަދެއްގެ ވެހިކަލް ފަދަ ތަކެތި ބޭނުން ވާނެ މަސައްކަތަކަށް ވުމުން އެހެން ކުންފުނިތަކަށް އެ މަސައްކަތް ކުރުމުގައި ދަތި ތަކެއް ދިމާވާނެ ކަމަށެވެ.