12 Nov 2011, 13:52
ސާކް ސަމިޓަށް އައްޑޫ ސިޓީގައި ބެހެއްޓި ބުދު ހިމެނޭ މޮނިއުމެންޓް ވައްޓާލި މައްސަލައިގައި ފުލުހުން ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
އައްޑޫގެ އެޓޯލް ކޮމާންޑާ، ޕޮލިސް އިންސްޕެކްޓާ އިބްރާހިމް ހަނީފް މިއަދު ވިދާޅުވީ ބުދު ހިމެނޭ މޮނިއުމެންޓް ވައްޓާލި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ނަންތައް ހާމަ ނުކުރައްވާނެ ކަމަށާއި ނަމަވެސް ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ މީހަކާއި އަށާވީސް އަހަރުގެ މީހެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު ހަތް ދުވަހަށް އިތުރުކުރުމަށް ކޯޓު އަމުރުލިބިފައި ވަނީ ރޭ ކަމަށާއި މިހާރު އެދެ މީހުން ވެސް ތިބީ ކޯޓު އަމުރާ އެކު ހަތް ދުވަހުގެ މުއްދަތަށް ފުލުހުންގެ ބަންދުގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެދެ މީހުން ހައްޔަރުކުރީ ވައްޓާލި ބުދު ހިމެނޭ މޮނިއުމެންޓަކީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްޗަކަށްވާތީ އެ އަމަލަކީ ސަރުކާރުގެ އެއްޗަކަށް ގެއްލުންދިނުން ކަމަށް ވާތީ ކަމަށެވެ.
"އެ ދެމީހުން ހައްޔަރުކުރީ ސަރުކާރުގެ މުދަލަކަށް ގެއްލުންދިން މައްސަލައެއްގައި. ކޮންމެ ގޮތެއް ވިޔަސް އެ ވާނީ ]ބުދު ހިމެނޭ މޮނިއުމެންޓް[ ސަރުކާރުގެ މުދަލަކަށް. ކޮންމެ ގޮތެއްވިޔަސް އެއީ ކައުންސިލްގެ ބެލުމުގެދަށުގައިވާ އެއްޗިހި،" ހަނީފް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ ކުރިން ވިދާޅުވެފައި ވަނީ އެފަދަ އެއްޗެއް ރާއްޖެ އެތެރެކުރުމުގެ ހުއްދަ އެ މިނިސްޓްރީން ދީފައިނުވާނެ ކަމަށެވެ.