ރ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން ދިޔަ ކޮތާފަރުން ވަގަށް ނެގި ހަތަރު އެއާކޮންޑިޝަނަރު، އޭސީ އެ އަތޮޅު މަޑުއްވަރީގެ ހަތަރު ގެއެއްގައި ހުއްޓައި ހޯދައިފި އެވެ.

ފުލުހުން ބުނީ އޭސީތައް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އަދި ފުލުުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ދެ އޭސީއެއް ފެނުނީ މަޑުއްވަރީގެއެއްގައި ހަރުކޮށްފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އަނެއް ދެ އޭސީ ފެނުނީ ފޮށިން ނުނަގާ ދެ ގެއެއްގައި ބަހައްޓާފައި ހުއްޓާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ އޮޕަރޭޝަން ފުލުހުން ހިންގީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

ކޯޓު އަމުރެއްގެ ދަށުން ހަތަރު ގެ ބަލައި ފާސްކޮށް މިހާރު އޭސީތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ތިން ފިރިހެނުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 21 އަހަރުގެ ފިރިހެނަކާއި، 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 27 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.