ސަންޖޭ ލީލާ ބަންސާލީ އާއެކޮށް ފިލްމު "އިންޝާﷲ"ގައި މަސައްކަތްކުރަން ލިބުނު ފުރުސަތު ގެއްލުނު ނަމަވެސް ބަންސާލީގެ އެހެން ފިލްމަކުން އާލިއާ ބަޓް ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.

ނިމިދިޔަ އައިފާ އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ އެވޯޑު ހޯދި އާލިއާ ބަޓް ކުޅޭނީ ބަންސާލީގެ "ގަންގްބާއީ"އެވެ. އަންނަ މަހު ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު އާލިއާ ލީޑު ރޯލަށް ލީ އޭނާ އަކީ އެ ރޯލަށް އެންމެ އެކަށޭނެ ބަތަލާ ކަމުންކަމަށް ހަބަރުތައް ބުނެ އެވެ. ފިލްމު ރަސްމީކޮށް އިއުލާންކޮށްފައިނުވާއިރުވެސް ބެލެވޭ ގޮތުގައި އަންނަ މަހު ފިލްމު ރަސްމީކޮށް އިއުލާންކުރާނެ އެވެ.

ބަންސާލީ އާލިއާ އަދި ގޭންގްސްޓާރު ގަންގްބާއީ ކޮތޭވާލީ---

އެ ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގްބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ" ގެ މައްޗަށް ބިނާކޮށް އެ ފިލްމު ގެނެސްދޭން ވަނީ ނިންމާފަ އެވެ.