ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ޓަކައި "ސްޓޭންޑްބައި ކްރެޑިޓް ފެސިލިޓީ"އެއްގެ ގޮތުގައި 100 މިލިޔަން ޑޮލަރުގެ ލޯނެއް އިންޑިއާ އިން ދިނުމަށް ކަނޑައަޅައި އެއްބަސްވުމުގައި އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.

ސަތޭކަ މިލިޔަން ޑޮލަރުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރި ނަމަވެސް އޭގެ ތެރެއިން 30 މިލިޔަން ޑޮލަރު ވަނީ މިދިޔަ މަހު ފަހުކޮޅު ރާއްޖެއާ ހަވާލުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ދެ ސަރުކާރުގެ ދެމެދުގައި ސޮއިކުރި ހަ އެއްބަސްވުމުގެ ތެރޭގައި ހިމެނޭ އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ މުހައްމަދު ނަސީރެވެ. އަދި އިންޑިޔާގެ ފަރާތުން ސޮއިކުރެއްވީ އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ފޮރިން ސެކްރެޓަރީ ރަންޖިން މަތާއީ އެވެ.

އިންޑިޔާ އާއި ރާއްޖެއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު ދެއްވި ގުޅިފައިވާ ބަޔާނެއްގައި އިންޑިޔާގެ ބޮޑު ވަޒީރު މަންމޯހަން ސިންގް ވިދާޅުވީ އިންޑިޔާ އިން ރާއްޖެ އަށް ދިނުމަށް އެއްބަސްވި 100 މިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ބޭނުމަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުން ކަމަށެވެ. އަދި ވިދާޅުވީ ބޭންކިން އާއި މާލީ ދާއިރާގެ އިންފްރާސްޓްރަކްޗާ ބިނާކުރުން ހިމެނޭ ގޮތުން އިންޑިޔާ އިން ރާއްޖެ އަށް އެހީތެރިވެދެވޭނެ ގޮތްތަކެއް ބެލުމަށް ވެސް ދެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވީ ރާއްޖެ އާއި އިންޑިޔާއާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމަކީ އިންޑިއާ އިން އެންމެ ބޮޑު އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އެއްބަސްވުންތަކަށް ފަހު ރައީސް ނަޝީދު ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

ފައިނޭންސް މިނިސްޓަރު އަހުމަދު އިނާޒު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާ އިން ނެގި 100 މިލިއަން ޑޮލަރަކީ 10 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ނެގި ލޯނެއް ކަމަށާއި އިންޓަރެސްޓް ރޭޓަކީ އަހަރަކު 1.5 ޕަސެންޓް ކަމަށެވެ. އަދި ވިދާޅުވީ އެ ފައިސާގެ 50 ޕަސެންޓް ބޭނުން ކުރާނީ ޓީ ބިލްތަކަށް އަނބުރާ ދެއްކުމަށް ކަމަށާއި އަނެއްބައި ހަރަދު ކުރާނީ ބަޖެޓް ފޫބެއްދުމަށް ކަމަށެވެ.

އިންޑިޔާ އާއި ރާއްޖެއާ ދެމެދު މިއަދު ސޮއިކުރި އަނެއް ފަސް އެއްބަސް ވުމަކީ ދެ ގައުމު ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ އެއްބަސްވުމާއި އައިޖީއެމްއެޗް މަރާމާތުކުރުމުގެ އެއްބަސްވުމާއި ތަރައްގީގައި ދެގައުމު ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމާއި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމާއި 2012 ވަނަ އަހަރުން 2013 ވަނަ އަހަރަށް ރާއްޖެ އާއި އިންޑިޔާ ގުޅިގެން ހިންގާނެ ޕްރޮގްރާމްތަކުގެ އެއްބަސްވުމެވެ.

މިއަދު ސޮއިކުރި ހަ އެއްބަސްވުމުގެ ތެރެއިން ތަރައްގީގައި ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގެވެ.

އިންޑިޔާ އިން 100 މިލިޔަން ޑޮލަރު ]1.5 ބިލިޔަން ރުފިޔާ[ ލޯނުގެ ގޮތުގައި ނެގުމަށް ސަރުކާރުން އެއްބަސްވެފައިވާ އިރު މި ސަރުކާރުން ކުރިން ވެސް ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާ އިން ނަގައިފަ އެވެ.