22 Sep 2019, 23:51
ޝަހުސު އޮޅުވަލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީއަކު ހުއްޓުވައިފިއެވެ.
އިމިގްރޭޝަނުން މިރޭ ބުނީ ސައްހަ ޕާސްޕޯޓަށް ބަދަލުގެނެސް ފޯޖުކޮށްގެންނާއި ނަކަލުކޮށްފައިވާ ކައުންޓާފިޓް ޕާސްޕޯޓު ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރި ތިން ބިދޭސީއަކު ހުއްޓުވާފައިވާ ކަމަށެވެ.
ޝަހުސު އޮޅުވާލައިގެންނާއި ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސިން މި ފަހަކަށް އައިސް އިމިގްރޭޝަނުން ދަނީ ހުއްޓުވަމުންނެވެ.
މިއަހަރުގެ މިހާތަނަށް ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވަން މަސައްކަތްކުރި 12 އަށް ވުރެ ގިނަ ބިދޭސިން އިމިގްރޭޝަނުން ވަނީ ހުއްޓުވައިފައެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިން އުޅެމުންދާއިރު ވިސާ އާއި ހިލާފުވި ބިދޭސިންތަކެއްވެސް މިފަހުން ވަނީ ޑީޕޯޓުކޮށްފައެވެ.
ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން 50،000 އަށްވުރެ އިތުރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ އިއްޔެ ވިދާޅުވެފަ އެވެ. އެ މީހުންނަށް ދެވަނަ ފުރުސަތެއް ދީ ގާނޫނުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ވަނީ ފެމިލަރައިޒޭޝަން ޕްރޮގްރާމެއް ވެސް މިހާރު ފަށައިފަ އެވެ.