22 Sep 2019, 22:14
މާލޭ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ބްރިޖުތަކަކުން ގުޅުވާލުމަކީ މާލެ ތޮއްޖައްސަން ކުރާ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޕްލޭންނިން މިނިސްޓަރި މުހައްމަދު އަސްލަމް ވިދާޅުވިއެވެ.
މި ސަރުކާރުން ޕްލޭންކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި އެ ހަތަރު ރަށް ބުރިޖަކުން ގުޅުވާލުން ހިމެނެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި އެއީ އަނެއްކާވެސް މާލޭ ސަރަހައްދަށް މީހުން ޖަމާކުން ބާރު އެޅޭނެ ސަބަބެކެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލެ ތޮއްޖެހުން ކުޑަކުރުމަށް މި ސަރުކާރުގެ ސިޔާސަތަކީ ސަރަހައްދީ ގޮތުން އަތޮޅުތަކަށް ތަރައްގީ ގެނައުން ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ މާލޭގެ ތިބި މީހުން ފޮނުވާލައި މާލެއަށް މީހުން އެރުން މަނާ ކުރުމެއް ނޫން ކަމަށް އަސްލަމް ވިދާޅުވއިެވެ.
"ސަރުކާރުގެ އަމާޒަކީ، ސަރަހައްދީ ތަރައްގީއާއެކު އިންވާޑް މައިގްރޭޝަން ހުއްޓުވުމަށް ގެނައުނުން. އިންވާޑް މައިގްރޭޝަން ހުއްޓުވައިގެން މާލެ ތޮއްޖެހުން ކުޑަ ކުރެވޭނީ،" އަސްލަމް ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
ސަރުކާރުގެ ވިސްނުމަކީ އެއްތަނެއް ބާކީކުރުމަށްފަހު އަނެއްތަން ތަރައްގީކުރުން ނޫން ކަމަށާއި އޭގެ ބަދަލުގައި ސަރަހައްދީ ތަރައްގީއާއެކު މާލެ "ގްރޭޓާ މާލެ"އަކަށް ހެދުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ރަނގަޅު ގޮތުގައި އަޅުގަނޑުމެންނަށް މިކަން ކުރެވިއްޖެނަމަ، ސަރަހައްދީ ތަރައްގީއަށް ފޯކަސްއެއް ދީގެން މާލޭގެ ކަންތައްތަކަށް އަޅާލެވޭކަމަށް ވާނަމަ، އަޅުގަނޑުމެންނަށް ތިވިދާޅުވާ ބުރިޖެއް އެޅުމަކުން މާލެ އިތުރަށް ތޮއްޖެހޭކަށް ފުރުސަތެއް ނެތް،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، މާލޭގައި ހުރި މައްސަލަތަކަށް ހައްލު ގެނައުމަށްޓަކައި ތިލަފުށްޓާއި ގުޅީފަޅު އަދި ވިލިނގިޔާއި މާލެ ގުޅުވާލަން ޖެހޭ ކަމަށެވެ. އެގޮތުން ގްރޭޓާ މާލެ ފިޒިކަލް ލިންކަކުން ގެނައުމުން އެއާއެކު އަދި ސަރަހައްދީ ތަރައްގީ ގެނައުމުން މާލޭގެ ތޮއްޖެހުމަށް ހައްލެއް އައިސް، "އިންވާޑް މައިގްރޭޝަން" ކުޑަވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ
"އެހެން ނަމަވެސް މި އަމާޒުގައި އަޅުގަނޑުމެން ހިފަހައްޓަން ޖެހޭނެ. ސަރަހައްދީ ތަރައްގީ ގެންނަން ޖެހޭނެ. ބުރިޖު އެޅުމުގެ ތެރޭގައި އެހެން ތަނެއް ނިގްލެކް ވެގެން ނުވާނެ، އެ ފޯކަސް އިންނަން ޖެހޭނެ،"
އަސްލަމް ވިދާޅުވި ގޮތުގައި މާލެ ތޮއްޖެހުމަށް ކުޑަ ކުރުމަށް ވަގުތު ނަގާނެ ކަމަށެވެ. އެގޮތުން މިހާރުއްސުރެ ފަށައިގެން ހުއްޓާނުލާ މަސައްކަތް ކޮށްގެމް 15 އަހަރެއްހާ ދުވަސް އެކަމަށް ހައްލެއް ހޯދަން ހޭދަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"ލޯންގް ޓާމް ޕްލޭނެއްގެ ލޯންގް ޓާމް އެކްސަޒައިޒްއެއްގެ ވާހަކަ ތި ވިދާޅުވީ. މާދަމާ އަޅުގަނޑުމެން ފުއްޓަކެއް ޖަހާލާފައި، އަލާދީން އާއި އޭނާގެ ވޮއްކޮޅުން ކަމެއް ވާކަލަ ގޮތަކަށް މިކަން ވާނެ ކަމަށް ބުނާކަށް ނެތިން،"
ގްރޭޓާ މާލޭގެ ރަށްތައް ބްރިޖުތަކުން ގުޅާލުމުގެ މަޝްރޫއުގެ މަސައްކަތްތައް އަންނަ އަހަރު ފަށާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބެލެވޭ މި މަޝްރޫއަށް ފަންޑުކުރުމަށް އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.