މިދިޔަ ހުކުރުދުވަހުގެރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށް ތިލަފުށިން ގުދަން ދޫކުރަން ނިންމައިފިއެވެ.

ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާއަށްފަހު މާލޭގައި ހުރި ކެމިކަލް ގުދަންތައް ވީހާވެސް އަވަހަކަށް މީހުން ދިރިނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާތީ، ކަމާބެހޭ މުވައްސަސާތަކާ ގުޅިގެން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ކެމިކަލް ރައްކާކުރުމަށް ތިލަފުށިން ހާއްސަ ސަރަހައްދެއް ކަނޑައަޅާ ވެއާހައުސް ޔުނިޓުތައް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި މި ގުދަންތަކަކީ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭގޮތަށް ހަދާ ތަންތަނަށް ވާނެ ކަމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ބުންޏެެވެ.

ކެމިކަލް ފަދަ ނުރައްކާތެރި މުދާ ވަކި ހާއްސަ އުސޫލެއްގެ މަތިން ރައްކާ ކުރުމަށާއި އެފަދަ މާހައުލުތަކަކީ އެހެން ފަރާތްތަކަށްވެސް ރައްކާތެރި މާހައުލަކަށް ހެދުމަށް އުސޫލެއްގެ ދަށުން މަސައްކަތް ކުރަމުންދާކަމަށް އެ ބަޔާނުގައި ބުންޏެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިތޭދުގެ ބަޔާނުގައި އިތުރަށް ބުނީ މިވަގުތު މާލެއާއި އެނޫންވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ބޭނުންކުރަމުންދާ ކެމިކަލްއާއި އެނޫންވެސް އަދި އެފަދަ ނުރައްކާތެރި ސާމާނު ރައްކާކުރާ ގުދަންތައް ދެނެގަތުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކާއެކު އެކުންފުނިން ކުރަމުންދާ ކަމަށެވެ. އަދި އެފަދަ މުދާ މާލޭގައި ރައްކާކުރާ ފަރާތްތަކަށް ތިލަފުށިން ގުދަން ދޫކުރަން ނިންމާފައިވާތީ، މާދަމާއިން ފެށިގެން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިގޮތަށް ގުދަން ދޫކުރުމުގައި އިސްކަންދޭނީ މިވަގުތު ކެމިކަލް ގުދަންކުރަމުން ގެންދާ ފަރާތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި މުދާ މިވަގުތު ގުދަންކޮށްފައިވާ ފަރާތްތަކަށް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ހުކުރު ދުވަހުގެރޭ އަލިފާން ރޯވީ ހ. ތިލަފުށީގޭގައި ހުރި ގުދަނެއްގައި ރައްކާކޮށްފައިހުރި ކެމިކަލްތަކެއްގައެވެ. އަލިފާނުގެ ހާދިސާގައި ހަ ގެއަކަށް ގެއްލުންވެ އެކަކު މަރުވެފައިވާއިރު 400 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.

މާލޭގައި ކެމިކަލް ރައްކާކުރާ 126 ގުދަން ހުންނަ ކަމަށާއި އޭގެ ތެރެއިން 82 ގުދަން ހުންނަނީ މީހުން ދިރިއުޅޭ އިމާރާތްތަކުގައި ކަމަށް ޑިފެންސް މިނިސްޓްރީން ހާމަކުރެއެވެ.

އެމްއެންޑީއެފުން މިއަދު ވަނީ މާލޭގައި ހުންނަ ކެމިކަލް ގުދަންތައް ބަލައި ފާސްކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.