އަބަދަށްފެހިމަގުގެ އިމާރާތްތަކެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އޮޅުވާލައިގެން ބޯހިޔާވަހިކަން ހޯދަން މަސައްކަތްކުރި 59 ބިދޭސީން އިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެންޑީއޭ އިން ދަނީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، 59 ބިދޭސީންނަށް ޔޫތު މިނިސްޓްރީގެ ފަރާތުން ބޯހިޔާވަހިކަން ފޯރުކޮށްދިން ކަމަށާއި ނަމަވެސް ފަހުން އެނގުނު ގޮތުގައި އެ ބިދޭސީންނަކީ ހާދިސާއާ ގުޅުން ނެތް ބިދޭސީންކަން މިހާރު އެނގިފައިވާ ކަމަށެވެ.

"އިމިގްރޭޝަން އިން އެނގުނު ގޮތުގައި މި ބިދޭސީންނަކީ އަލިފާންގެ ހާދިސާއާ ގުޅިގެން އައި ބައެއް ނޫން ކަމަށް. މިހާރު އެމީހުން ވަނީ އިމިގްރޭޝަންއާ ހަވާލުކޮށްފައި،" ހިސާން ވިދާޅުވިއެވެ.

ޖުމްލަ 109 ބިދޭސީއަކު ވަނީ މި ހާދިސާއާ ގުޅިގެން ރަޖިސްޓްރީކޮށްފައެވެ.

ހިސާން ވިދާޅުވީ، ހާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެނީ ރިލީފް ގައިޑްލައިންއާ އެއްގޮތަށް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ހުރިހާ ކަމެއް ކަށަވަރުކޮށްގެން ކަމަށެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކެއްގެ އައިޑީކާޑު ފަދަ ލިޔެކިޔުންތައް އަނދައި އަޅިއައްވުމުން އެ ފަރާތްތަށް ވެރިފައިކުރުމުގައިވެސް ދަތިތަކެއް ހުރި ކަމަށް ހިސާން ވިދާޅުވިއެވެ.

"މިކަންކަން ވަރަށް ޕްރޮފެޝަނަލްކޮށް އެންޑީއެމްއޭއިން ވެރިފައިކުރުމަށްފަހު އައިލާތަކުގެ ނަންބާސް އައިޑެންޑިފައި ކުރަމުން މިދަނީ. މިހުރިހާ ކަންތަކަށް ބެލުމަށްފަހު، ބޯހިޔާވަހިކަމަށް އެލޮކޭޓް ކުރަނީ،" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ނޭޝަނަލް ރަޖިސްޓްރޭޝަނާ ގުޅިގެން އައިޑީކާޑް ނެތް ފަރާތްތައް އައިޑީކާޑު ހެދުމަށް އަވަސް އިންތިޒާމު ހަމަޖައްސަމަށް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މާދަމާ އެފަރާތްތަކަށް އައިޑީކާޑު ހެދުމުގެ އިންތިޒާމް ހެދިގެން ދާނެކަމަށް ހިސާން ވިދާޅުވިއެވެ.

ގުޅުން ނެތް ދިވެހިނަށްވެސް އެހީ ހޯދުމަށް މަސައްކަތްކުރި!

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހިސާން ވިދާޅުވި ގޮތުގައި އަލިފާންގެ ހާދިސާއާ ގުޅިގެން އޮޅުވާލައިގެން ބައެއް ދިވެހިންގެ ނަންތައް ލިސްޓަށް އިތުރުކޮށް އޮޅުވާލަން މަސައްކަތް ކުރި ކަމަށެވެ.

"އެ ގެއެއްގައި [ހުސްކުރި ގެއްގައި] ދިރި ނޫޅޭ އައްޑު އަތޮޅުގެ ރަށްރަށުގައި ދިރިނޫޅޭ މީހުން ހިމެނައިގެން ރަޖިސްޓްރޭޝަން ހައްދަން އެބަ އާދޭ. ބޯހިޔާވަހިކަން ތިން މީހުންނަށް ދޭންޖޭހޭ ތަނެއްގައި ނަންބަރު އިތުރުކޮށްގެން އެޕާޓްމަންޓް އިތުރުކުރަން ޖެހޭ ހާދިސާތަކަށްވެސް އަޅުގަނޑުމެން ޕްރޮފެޝަނަލްކޮށް މިދަނީ އެޓެންޑް ކުރަމުން،" ހިސާން ވިދާޅުވިއެވެ.

"[އެންޑީއެމްއޭ]އިން ދޫކުރާ ފައިސާވެސް ހާލުގައި ޖެހުނު ފަރާތްތަކަށް ދޫކުރަމުން ދާއިރު، ތ. އަތޮޅު ސްކޫލެއްގައި އުޅޭ ކުއްޖެއްގެ ނަންވެސް އެބަ އޮތް ވެރިފައި ކުރި އިރު. އެކަމަކު އެ ކުއްޖާ ދިރިއުޅެނީ މާލޭގައެއް ނޫން،" ހިސާން ވިދާޅުވިއެވެ.

ހާލުގައި ޖެހުނު ފަރާތްތަށް އެހީ ދޭން ބޭނުންވާ ފަރާތްތަކަށް އެހީ ދިނުމަށް ރިލީފް ފަންޑެއްވެސް މިހާރު ގައިމުކޮށްފައިވާކަން ހިސާން ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ 24 ގެއަކަށް އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ. އެ ސަރަހައްދުގައި ދިރިއުޅޭ 400 އަށް ވުރެ ގިނަ މީހުން ވަނީ އެންޑީއެމްއޭގައި ރަޖިސްޓްރީކޮށްފައެވެ. އަދި ބޯހިޔާވަހިކަން ބޭނުންވާ، 247 މީހަކު ވަނީ 67 ތަނެއްގައި ވަގުތީ ބޯހިޔާވަކަން ފޯރުކޮށްދީފައެވެ.