12 Nov 2011, 13:18
ބާސެލޯނާ އަށް ކުޅެމުން އަންނަ މާލީގެ މިޑްފީލްޑަރު ސޭޑޫ ކީޓާ މި ސީޒަނަށް ފަހު ލިވަޕޫލް އިން ފެނުން ގާތްކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ. ލިވަޕޫލް އިން ކީޓާ އަށް ޝައުގުވެރިވާ ވާހަކަ އަޑުއެހީ އުފަލާއެކު ކަމަށް ބުނި ނަމަވެސް ކުރިމަގު ނިންމާނީ މިސީޒަނަށް ފަހުކަމަށް އޭނާ ބުނެފައި ވެއެވެ.
ޖެނުއަރީ މަހުގެ ޓްރާންސްފާ ގައި ލިވަޕޫލް އިން ކީޓާ ގެންދިއުމަށް ބާސެލޯނާ އާއި އެކު ވާހަކަ ދެއްކި ކަމުގެ ރިޕޯޓެއް ސްޕެއިންގެ ނޫހުއް ކަމަށްވާ އެލް މުންޑޯ ޑިޕޯޓިވޯ އިން ނެރެފައި ވެއެވެ. ރަޝިޔާގެ އަންޒީ މަކަޝްކަލާ އިން ވެސް ދަނީ ކީޓާ ހޯދުމަށް މަސައްކަތް ކުރަމުން ނެވެ.
"ލިވަޕޫލް އަކީ މޮޅު ޓީމެއް. އެކުލަބުން ޝައުގުވެރިކަން ފާޅުކުރުމުން އުފާކުރަން. ނަމަވެސް މިސީޒަން ނިމުމުގެ ކުރިން އެއްވެސް ނިންމުމެއް ނުނިންމާނަން. މިދިޔަ ސީޒަނަށް ވުރެ ގިނަ މެޗު ކުޅެން އަހަރެެން ބޭނުން. ކާމިޔާބު ލިބޭ ޓީމަކަށް ކުޅެން ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވާނެ." ކީޓާ ބުންޏެވެ.
މިސީޒަނުގައި ބާސާ ޓީމަށް ކީޓާ 16 މެޗު ކުޅެފައި ވެއެވެ. ބާސާގެ މެދު ތެރޭގައި ގިނަ މޮޅު ކުޅުންތެރިންތަކެއް ތިބުމުގެ ސަބަބުން ކީޓާ އަށް ފުރުސަތު ލިބެނީ މަދު ފަހަރަކު އެވެ. ކީޓާ އާއި ބާސާ އާއި ދެމެޗު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2014 ވަނަ އަހަރު އެވެ.