22 Sep 2019, 20:19
މާލޭގައި ހުރި ކެމިކަލް ގުދަންތައް ބަލައި ފާސްކުރުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ މާލޭ ސިޓީގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަންތައް ފާސްކުރުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން މިއަދު ފަށާފައިވާ ކަމަށެވެ. މިކަމާ ބެހޭ އިތުރު ތަފްސީލް އޭނާ ނުދެއްވައެވެ.
ހުކުރު ދުވަހުގެރޭ އަބަދަށްފެހިމަގުގައި ހުރި ކެމިކަލް ރައްކާ ކުރާ ގުދަނެއްގައި އަލިފާން ރޯވެ، އެ ސަރަހައްދުގައި ހުރި ހަ ގެއަކަށް ވަނީ އޭގެ އަސަރުކޮށްފައެވެ. އަލިފާނުގެ ހާދިސާގައި އެކަކު މަރުވެފައިވާއިރު ގުދަން ހުރި ސަރަހައްދުގައި ހުރި ބައެއް ގެތައް ވަނީ މީހުން ނޫޅޭވޭވަރަށް ހަލާކުވެފައެވެ.
ކެމިކަލް ރައްކާކުރާ ގުދަންތަކުގެ ސަލާމަތީ ކަންތައް ހުރިގޮތް ބަލާ، އެ ގުދަންތައް މާލޭގައި މީހުން އުޅޭ ސަރަހައްދުތަކުން ނެގުމަށް އާންމުން ދަނީ ގޮވާލަމުންނެވެ. މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތ އަވަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެދިލައްވަޑައިގެންފައެވެ.
އަލިފާނުގެ ހާދިސާގައި 400 އެއްހައި މީހުން ހާލުގައި ޖެހުނު އިރު ޑިޒާސްޓާ މެނޭޖުމެންޓުން ވަނީ އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.