މިއަހަރުގެ ދެވަނަ ކުއާޓާރުގައި ޓޫރިޒަމް ދާއިރާ ކުރިއެރި ނަމަވެސް ކޮންސްޓްރަކްޝަން ދާއިރާ ދިޔައީ ދަށަށް ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ކުއާޓާލީ ރިިފޯޓުގައި ވާގޮތުން ޔޫރަޕު މާކެޓަށް އައި ކުރިއެރުމާއެކު ދެވަނަ ކުއާޓަރުގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފައެވެ. މީގެ އިތުރުން ޕެސިފިކް އަދި އެޝިއާ މާކެޓަށްވެސް މި މުއްދަތުގައި ބޮޑު ކުރިއެރުމެއް އައިސްފައިވާކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން ރާއްޖެ އަންނަ ޝެޑިއުލް ފްލައިޓުތަކުގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވުމަކީވެސް ރާއްޖެ އައި ޓޫރިސްޓުންގެ އަަދަދު އިތުރުވި ސަބަބެއް ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

މިއަހަރުގެ ފުރަތަމަ ހަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 19 ޕަސެންޓު އިތުރުވެފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވެއެވެ. މި އަހަރުގެ ފުރަތަމަ ހަ މމަހު ރާއްޖެ އައި ޓޫރިސްޓުންގެ 50 ޕަސެންޓު ހިއްސާކުރަނީ ޔޫރަޕު މާކެޓެވެ.

މީގެ އިތުރުން ފަތުރުވެރިން ރާއްޖޭގައޮި ހޭދަކުރާ ރޭހގެ ނިސްބަތް 15 ޕަސެންޓު އިތުރުވެފައިވާ ކަމަށާއި މިއަހަރުގެ ފުރަތަމަ ހަ މަސްތެރޭ ފަތުރުވެރިކަމުގެ ސިނާއތުން ލިބުނު އާމްދަނީ 1.7 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރި ނަމަވެސް މިއަހަރުގެ ދެވަނަ ތިން މަހުގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާއަށް ވަނީ ހީނަރުކަން އައިސްފައެވެ. މި ސިނާއަތަށް ބޭނުންވާ މުދާ ރާއްޖެ އެތެރެކުރި ނިސްބަތް މަދުވެފައިވާއިރު ކޮންސްޓްރަކްޝަން ދާއިރާއަށް ބޭންކުތަކުން ދީފައިވާ ބޭންކް ކްރެޑިޓް ވަނީ އިތުރުވިފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން އިމާރާތްކުރުމުގެ ދާއިރާގެ ބޭނުމަށް އެތެރެކުރާ ފިލާ، ސިމެންތި، އެގްރިގޭޓް އަދި ދަގަނޑު ފަދަ ބާވަތްތައް އެތެރެކުރި މިންވަރު ވަނީ 19 ޕަސެންޓް ދަށްވެފައެވެ. މިތަކެތި ރާއްޖެ އެތެރެކުރާ މިންވަރު މިދިޔަ އަހަރުގެ ފަހު ކުއާޓާއިން ފެށިގެން މަދުވާން ފަށާފައިވާކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ކޮންސްޓްރަކްޝަން ދާއިރާގެބޭނުމަށް އެތެރެކުރި މުދަލިގެ 45 ޕަސެންޓަކީ ޓޫރިޒަމް ސެކްޓާގެ ބޭނުމަށް އެތެރެކޮށްފައިވާ މުދަލެވެ. 43 ޕަސެންޓަކީ ޕްރައިވެޓް ސެކްޓާގެ ބޭނުމަށް އެތެރެކޮށްފައިވާ މުދަލެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި މިދިޔަ އަހަރާއި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު، ރާއްޖޭގެ އިގްތިސޯދީ ދުވެލި ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. މި އަހަރުގެ ފުރަތަމަ ހަ މަހަށް ބަލާއިރު ރާއްޖޭގެ އިގްތިސޯދުގައި ކުރިއެރުން އައިިސްފައިވަނީ ހަމައެކަނު ޓޫރިޒަމް ދާއިރާ އަށްކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.