22 Sep 2019, 16:49
ދައުލަތުގެ ދަށުގައި ތިބޭ ކުދިންގެ މަރުކަޒުތައް ހިންގުމަށް ލަފާދީ މަޝްވަރާތައް ކުރުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލައިފި އެވެ.
"ޝެލްޓާ މެނޭޖްމަންޓް އެންޑް ޑިވޮލޮޕްމަންޓް ކޮމެޓީ"ގެ ނަމުގައި އެކުލަވާލި ކޮމެޓީގައި އެކަމާ ގުޅޭ 13 މެމްބަރުން ވަނީ ހިމަނައިފަ އެވެ.
އެ ކޮމެޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުން ހިންގާ ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާގެ ހިންގުން ހަރުދަނާކޮށް އެތަންތަނަށް ދިމާވާ މައްސަލަތައް ހައްލުކޮށް ކުޑަކުދިންނާ ގުޅޭ އެކިއެކި ކަންކަމާ ގުޅޭ ގޮތުން ލަފާދިނުން ހިމެނެ އެވެ.
އެ ކޮމެޓީގައި ހިމެނިވަޑައިގަންނަ ވަނީ ރައީސުލްޖުމްހުރިއްޔާގެ އޮފީސް، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، ކުޑަކުދިންގެ ހިޔާ – ސީއީއޯ، ފިޔަވަތި – ސީއީއޯ، ޔުނިސެފް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމަންޓް، މިނިސްޓްރީ އޮފް ހެލްތު، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ޕޮލިޓެކްނިކް، ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާއެއް، ކުޑަކުދިންގެ ޙައްގުތަކަށް މަސައްކަތްކުރާ އެމްބެސެޑާ އަދި އޮންޓާޕްރިނިއާއެކެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ ކޮމެޓީ އެކުލަވާލީ ތިން އަހަރުގެ މުއްދަތަކަށް ކަމަށެވެ. އެ ކޮމެޓީގެ ބައްދަލުވުން ކޮންމެ މަހަކަ ބާއްވަން ނިންމާފައިވާ އިރު ކުއްލި ހާދިސާއެއް ހިނގައިފިނަމަ ކުއްލި ބައްދަލުވުމެއް ބޭއްވަން ޖެހެ އެވެ.
އޭގެ އިތުރުން ކޮންމެ ތިން މަހުން އެއް ފަހަރު ޖެންޑާ މިނިސްޓަރާއި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.