22 Sep 2019, 15:23
ކަންކަން އިސްލާހު ކުރުމަށް ޕްލޭން އެކުލަވާ ލުމަކީ ހައްލެއް ނޫން ކަމަށް ވިދާޅުވެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ފުލުހުންނަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި އެ އިތުބާރު އަލުން ހޯދައި ދިނުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. އަދި ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް އިތުބާރު ގެއްލުނީ މި ސަރުކާރުން ކުރި ކަމަކުން ނޫން ކަމަށެވެ.
ހަސަން ލަތީފު ވިދާޅުވީ މި ސަރުކާރު އައިއިރު ފުލުހުންގެ މުއައްސަސާގައި ތިބި ބައެއް މީހުންގެ އަމަލުތައް ހުރިގޮތުން މުޅި މުއައްސަސާގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
"އެހެންނަމަވެސް އެ އިތުބާރު ހޯދުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުން މިއޮތީ މި ސަރުކާރުގެ ބޮލުގައި އެޅިފައި." ހަސަން ލަތީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ސަރުކާރު އައުއަށް މަހު ވެސް ފުލުހުންގެ މުއައްސަސާގައި ހިނގާފައި ހުރި ގާނޫނާ ހިލާފު ކަންކަން ނުބެލި ލަސްވުން ކަމަށެވެ.
ފުލުހުންގެ މުއައްސަސާ ފުލުހުންގެ އިދާރާ ތެރޭގައި ނުރަނގަޅު ކަމެއް، ގާނޫނާ ހިލާފު ކަމެއް ހިނގައިފި ކަމަށް ވަންޏާ އެކަންކަން ބެލެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދު އެކަންކަން ނުބެލި ލަސްވާ ކަމަށް ވާނަމަ ރައްޔިތުންގެ އިނގިލި ދިއްކުރުން މި ސަރުކާރަށް އަންނާނެ ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވި އެވެ.
ހަސަން ލަތީފު ވިދާޅުވީ ޓެރަރިޒަމް ގާނޫނު އިސްލާހުކޮށް ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ބާރުތަކެއް ދޭއިރު ފުލުހުންގެ ގާނޫނު އިސްލާހުކޮށް އެ އިދާރާވެސް އިސްލާހު ކުރުން އަވަސް ކުރަން ޖެހޭ ކަމަށެވެ.
"ފުލުހުން ހިންގާފައި ހުރި ނުރަނގަޅު ކަންކަން ރަނގަޅު ކުރަން ޖެހޭ. ޕްލޭނެއް އެކުލަވާލުމަކީ ހައްލެއް ނޫން. ޕްލޭނަކީ ހަގީގަތުގައި މެނިފެސްޓޯގައި އެއޮތް ވާހަކަތައް. އެކަން ތަންފީޒު ކުރާނެ ވަގުތުތަކަކާއި ގޮތްތަކަކާއި ހަމަތަކަކާއި އުސޫލުތަކަކާއި އޮނިގަނޑުތައް އެކުލަވާލެވި ތާރީހުތައް އަޅުގަނޑުމެންނަށް އެނގުނީމާ ނޫނީ އެކަމެއް ވާނެ ކަމަކަށް ރައްޔިތުން ގަބޫލެއް ނުކުރޭ." އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި ހަސަން ލަތީފު ވިދާޅުވި އެވެ.
ހަސަން ލަތީފު އިޝާރާތް ކުރެއްވީ މީގެ ދުވަސްކޮޅެއް ކުރިން ފުލުހުން އެކުލަވާލި ފަސް އަހަރުގެ ސްޓްރެޓިޖިކް ޕެލޭނަށެވެ. އަދި ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރެން ކައިރިވެފައިވާއިރު ފުލުހުންގެ އިދާރާ ބާރު ސްޕީޑުގައި އިސްލާހު ކުރުމަކީ އެދޭ ގޮތް ކަމަށެވެ.
"ފުލުހުންގެ މުއައްސަސާ ހަގީގަތުގައި ހެޔޮނިޔަތުގައި އިސްލާހު ކުރަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު ދެކޭ ގޮތުގައި މިދެންނެވި ކަހަލަ އޮނިގަނޑެއްގެ ތެރޭގައި ފުލުހުންގެ މުއައްސަސާ އިސްލާހު ކުރާނެ ތާވަލެއް އެބަ އަންނަން ޖެހޭ. އެކަން ކުރާނެ ގޮތް އެބަ އެނގެންޖެހޭ. މަޝްވަރާތަކެއް ކުރެވުން އެއީ އެކަމުގެ ފެށުން." ހަސަން ލަތީފު ވިދާޅުވި އެވެ.
ރައްޔިތުންގެ އިތުބާރު ފުލުހުންގެ މުއައްސަސާއަށް ހޯދުމަށްޓަކައި އެ މުއައްސަސާގައި ނުރަނގަޅު ކަންކަން ކުރި މީހުންނާ ދޭތެރޭ ފިޔަވަޅު އެޅުން އަވަސް ކުރުމަށް ހަސަން ލަތީފު ގޮވާލި އެވެ.