މިދިޔަ ހުކުރު ދުވަހު ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މުވައްޒަފުންނަށް 30 ދުވަހުގެ ޗުއްޓީ ދޭން އެ ކޮމިޝަނުން ނިންމައިފި އެވެ.

ސީއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުގެ ސަބަބުން މަސައްކަތަށް ނިކުތުމަށް އުޒުރުވެރިވެފައިވާ މުވައްޒަފުންނަށް އެ މުވައްޒަފުންގެ އާންމު ހާލަތަށް ރުޖޫއަވާން އެހީތެރިވެދިނުމުގެ ގޮތުން މިއަދުން ފެށިގެން 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ދޭން މިހާރު ނިންމާފައިވާ ކަމަށެވެ.

ޗުއްޓީއަށް އެދޭ މުވައްޒަފުންނަށް ޗުއްޓީ ހަމަޖައްސައިދިނުމުގެ ސިވިލް ސާވިސްގެ އެކި އިދާރާތަކަށް މިހާރު އަންގައިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އަލިފާނުގެ ހާދިސާގައި ހަތް ގެއަކަށް ވަނީ އަސަރުކޮށްފަ އެވެ. އަދި އެކަކު ވަނީ ނިޔާ ވެސް ވެފަ އެވެ.

އަލިފާނުގެ އަސަރު 400 މީހުންނަށް ކުރި އިރު ގިނަ ބަޔަކު މިހާރު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާވަހިތަކުގަ އެވެ.