22 Sep 2019, 14:06
އަބަދަށްފެހި މަގުގައި ހުރި ގުދަނުގައި ކެމިކަލް ގުދަން ކޮށްފައި ހުންނާނީ އެކަމަށް ނަގަން ޖެހޭ ހުރިހާ ހުއްދަތައް ނަގައިގެން ކަމަށާއި އެތަނުގައި ރޯވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް އެންމެ ފުރަތަމަ އަލިފާން ހިފި ގުދަން ނިސްބަތްވާ ކުންފުނި، ގްރީންޕާތުން މިއަދު ބުނެފި އެވެ.
ސިފައިން ބުނެފައި ވަނީ، ހުކުރު ދުވަހު ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާ ހިނގަން ޖެހުނީ އަބަދަށްފެހި މަގުގައި ހުންނަ ހ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުނަދެއްގައި ރޯވި އަލިފާން ކައިރީގައި ހުރި އިމާރާތްތަކަށް ފެތުރިގެން ކަމަށެވެ.
އެކަމާ ގުޅިގެން ގްރީންޕާތް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އޮޕަރޭޝަންސް މެނޭޖަރު އިބްރާހިމް ނަޝީދު މިއަދު "ސަން"އަށް ވިދާޅުވީ، އެ ގުދަނަކީ ކެމިކަލް ގުދަން ކުރަން އެމްއެންޑީއެފްއިން ހުއްދަ ދޫކޮށްފައިވާ ތަނެއް ކަމަށެވެ. އަދި އެންމެ ފަހުން ވެސް މިއަހަރުގެ މޭ މަހުގެ ތެރޭގައި އެ ގުދަން އެމްއެންޑީއެފްއިން ބަލައި އެ ހުއްދަ އާކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެމްއެންޑީއެފްއިން ބަލާފައި އެ ހުއްދަ ދެނީ ވެސް އެތަނުގައި އެ ސްޓޭންޑަޑްތައް ހުންނާތީ. އަލިފާން ނިވި ހުރުމާއި ކަރަންޓް ބޯޑް މުދާތަކާ ދުރުގައި ހުރުމާ މިކަހަލަ ކަންކަން ބަލާފައި. އަޅުގަނޑުމެންގެ ގުދަން އެންމެ ފަހުން މީގެ ހަމަހެއްހާ ދުވަސްކުރިން ބަލާފައި ވެސް ވަރަށް ބޮޑަށް ކަންކަން ރަނގަޅުކަމަށް ބުނެ ހުއްދަ ދޫކޮށްފައި އޮތީ ވެސް ހަމަ ކެމިކަލް ސްޓޯކުރަން. އަޅުގަނޑުމެން ގަވާއިދާ ހިލާފަކަށް ނޫން އެތަނުގައި ތަކެތި ބަހައްޓައިގެން އުޅުނީ،" ނަޝީދު ވިދާޅުވި އެވެ.
އިއްޔެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެކަމަނާ ވިދާޅުވީ، އެ ކެމިކަލް ގުދަނަށް ހުއްދަ ދިނީ 2016 ގައި ކަމަށާއި އަދި އެތަނުގެ އިންސްޕެކްޝަނެއް މިދިޔަ މޭ މަހުވެސް ހެދި ކަމަށެވެ.
އެ ތަނުގައި ރައްކާ ކޮށްފައި ހުރީ ސުވިމިން ޕޫލް ކެމިކަލް އާއި ލޯންޑްރީތަކުގައި ބޭނުން ކުރާ ޑިޓަޖެންޓާއި ތަޅުންމަތި ސާފު ކުރަން ބޭނުން ކުރާ ކެމިކަލް އަދި ވޯޓާ ޕްލާންޓް ކެމިކަލްގެ ބާވަތްތަކެވެ.
ނަޝީދު ވިދާޅުވީ އެ ތަކެއްޗަކީ ވެސް އެމްއެންޑީއެފް އިން ހުއްދަ ނަގައިގެން ރާއްޖެ އެތެރެކޮށްފައި ހުންނަ ރައްކާތެރި ކެމިކަލްގެ ބަވާތްތައް ކަމަށެވެ. ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ގުދަނުގައި ކަރަންޓް ވެސް ނުހުންނަ އިރު، އެތަނުގައި އަލިފާން ހިފަން ޖެހޭ ފަދަ ސަބަބެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެތަނުގެ ފިނި ހޫނުމިނާ އެއްޗިހި ރަނގަޅަށް ހުންނާނީ. އެތަނުގައި އެއްވެސް ވަރަކަަށް ކަރަންޓެއް ނުވެސް ހުންނާނެ. އެހެން ވީމާ ކަރަންޓް ޝޯޓަކުން ވެސް ކީއްވެގެންތޯ އަލިފާނެއް އެތާ ހިފަންވީ. އަނެއްކާ މުވައްޒަފުން ވެސް އެތަނަށް ނުވައްދާނެ އަލިފާން ހިފާ ޒާތުގެ އެއްޗެއް ވެސް،" ނަޝީދު ވިދާޅުވި އެވެ.
އެންމެ ފަހުން ވެސް އެ ގުދަނަށް ކުންފުނީގެ މުވައްޒަފުން ވަނީ، މިދިޔަ ބުދަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ދުވަހު ވެސް ގުދަނުގައި ކުރިހާ ވެސް ކަމަކީ މުދާ ނެރުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ލަފާކުރައްވާ ގޮތުގައި ފަހަތުގައި ހުރި ގުދަނެއްގައި ރޯވެގެން ވެސް އެ ގުދަނުގައި ރޯވުމުގެ ފުރުސަތު އޮވެދާނެ އެވެ. އެހެންވެ ފުރަތަމަ ރޯވީ އެ ކުންފުނީގެ ގުދަނުގައި ކަމާ މެދު ޝައްކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެސް އެތަނުގައި ރޯވީމާ އެކަމާ ޝޮކެއްގައި މި ތިބީ. އެއީ އެތަނުގައި ކުއްލިއަކަށް އޭގެ ޒާތުގައި އަލިފާން ހިފަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތް. އެހެން ވީމާ އަޅުގަނޑުމެންނަށް ވެސް ވީގޮތެއް އިނގޭނީ ސިފައިންނާއި ފުލުހުން މައްސަލަ ބަލާ ނިމުމުން،" ނަޝީދު ވިދާޅުވި އެވެ.
ރޯވި ގުދަނާ އިންވެގެން ހުންނަ އެ ކުންފުނީގެ ކޯލްޑް ސްޓޯރޭޖެއް ހުންނަ ގުދަނެއް ވެސް އަނދާފައިވާކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި އެކަމުގެ ސަބަބުން ކުންފުންޏަށް ވެސް ފޫނުބެއްދޭ ވަރުގެ ގެއްލުންވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މި ސަރުކާރު އައިފަހުން ވެސް ގުދަނެއް ހެދުމަށް ތިލަފުށިން ބިމެއް ހޯދަން ވެސް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ހާދިސާ ހިނގުމާ ހަމަޔަށް އެކަން ކާމިޔާބުވެފައި ނުވާކަމަށް ވެސް ވިދާޅުވި އެވެ.
"މިފަހުން ޑިފެންސާ އެކު ބޭއްވި ބައްދަލުވުމެއްގައި ވެސް އަޅުގަނޑުމެން ދެންނެވިން ގޯޑައުންއެއް ހަދަން ތިލަފުށިން ތަންކޮޅެއް ދެއްވަން. އޭގެ ކުރިން ވެސް ހުންނާނެ އެދިފައި. އެކަމަކު މިކަން ވީމާ އަޅުގަނޑުމެންނަށް ބްލޭމް މި އަންނަނީ. މި ކުންފުނިން ބޭނުމެއް ނުވޭ އެއްވެސް ކަމެއް ގަވާއިދާ ހިލާފަށް ކުރަން. ކޮށްފައި ވެސް ނޯންނާނެ،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުމެން ވެސް މިތިބީ ހިތާމައިގައި މީހަކު ނިޔާވުމާއި އާންމުންގެ ގެއާއި މުދަލަށް ބޮޑެތި ގެއްލުންތައް ވީމާ. އެ ހިތާމަތަކުގައި އަޅުގަނޑުމެން ބައިވެރިވަން."
އެ ހާދިސާއާ ގުޅިގެން ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު ނިންމާފައި ވަނީ މާލޭގައި ހުރި ކެމިކަލް ގުދަންތައް މާލެއިން ބޭރުކޮށް ތިލަފުއްޓަށް ބަދަލުކުރާށެވެ. އަދި ރައީސް ސޯލިހު ވަނީ އެ މަސައްކަތް އަވަސް ކުރުމަށް ވެސް އަންގަވައިފަ އެވެ.