16 Jun 2010, 10:17
14:30
ނިޒާމީ ތައުލީމުގެ ހުރިހާ މަރުހަލާއެއްގައި އިސްލާމް ދީނާއި ދިވެހިބަސް ކިޔަވައިދިނުމަކީ ލާޒިމުކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ހުށަހެޅި ގަރާރަށް ބަހުސް ފައްޓަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، މި ގަރާރު ހުށަހަޅުއްވަމުން މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ، އިސްލާމާއި ދިވެހި ބަސް އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތަކީ، ގައުމަށް ބޮޑެތި ނުރައްކާތަކެއް ދިމާވެދާނެ ކަމެއް ކަމަށެވެ. އަދި އެ ކަމަކީ، ގައުމީ މަންހަޖު އިސްލާހް ކުރުމުގެ މަހާސިންތާގެ ބައިވެރިން ހުށަހެޅި ރޫހާ ހިލާފް ކަމެއް ކަމަށް ވެސް އަޒީ ވިދާޅުވި. އަދި މި ގަރާރު ހުށަހެޅުއްވީ، އެ ދެ މާއްދާ އިހްތިޔާރީ ދެ މާއްދާގެ ގޮތުގައި ކަނޑައެޅުމުން، ޒުވާނުން އެކަމަށްދޭ ސަމާލުކަން ކުޑަވެ އެކަމަކީ، ދުރު މުސްތަގުބަލެއްގައި ގައުމަށް ހުރި ނުރައްކަލެއް ކަމަށް ގަބޫލުކުރެވޭތީ އާއި އިސްލާމް ދީނުގެ ވަހުދަތާއި އިޖްތިމާއީ އެއްބައިވަންތަ ކަމަށް ބްރޫ އަރައިދާނެ ސަބަބަކަށް ވެދާނެތީ ކަމަށް ވެސް އަޒީ ވިދާޅުވި އެވެ.
މިގަރާރަށް ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ ގަރާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ މެންބަރުން ވިދާޅުވީ، މި ގަރާރަކީ ހަގީގަތް އޮޅުވާލުމަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ. އަދި މިއީ ދީން އައްޑަނައަކަށް ހަދައިގެން ސިޔާސީ ބޭނުމަކަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށާއި، މިއީ ސިޔާސީ ކޯޅުމަށް އިސްލާމް ދީން ވެއްދުމަށް މަސައްކަތްކުރުން ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ގައުމީ މަންހަޖު މިހާރު އެކުލަވާލެފައި ވަނީ ވަރަށް ރަނގަޅަށް ކަމަށް ވިދާޅުވެ އެކަމާ ބެހޭ ބައެއް ތަފްސީލް ވެސް އެ މެންބަރުން ދެއްވި އެވެ.
ނަމަވެސް ޑީއާރުޕީ އާއި އެހެން ބައެއް މެންބަރުން ވިދާޅުވީ މިއީ މުހިއްމު ގަރާރެއް ކަމަށް. އަދި އިސްލާމާއި ދިވެހި ބަސް، އޮންނަންޖެހޭނީ ތައުލީމީ ހުރިހާ މަރުހަލާއެއްގައި ވެސް ކިޔަވައިދިނުން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި އެ ދެ މާއްދާ އިހްތިޔާރީ ދެ މާއްދާގެ ގޮތުގައި ހަމަޖެހިއްޖެނަމަ ދިމާވެދާނެ ބައެއް ކަންތައްތަކާއި، އެކަމާ ގުޅިގެން ބައެއް ކުދިންގެ ވިސްނުމަށް މިހާރު ވެސް އަންނަމުދާ ބަދަލާ ބެހޭގޮތުން ވެސް އެ މެންބަރުން ބައެއް ތަފްސީލް ދެއްވި އެވެ.
ކައުންސިލް އިންތިހާބުގެ މުއްދަތު ތިން އަހަރުން، ފަސް އަހަރު ދުވަހަށް ބަދަލު ކުރުމަށް، ގާނޫނު އަސާސީއަށް އިސްލާހް ގެނައުމަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް ވެސް މިއަދު ވަނީ ކުރިއަށް ގެންދެވިފަ އެވެ. މި ބިލުގެ މިއަދުގެ ބަހުސް ވެސް ކުރިއަށް ގޮސްފައި ވަނީ ފުރަތަމަ ދުވަހުގެ ބަހުސާ އެއްގޮތަށް މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކަކާ އެކުގަ އެވެ. ބިލަށް ވާހަކަ ދެއްކެވި މެންބަރުންގެ ތެރެއިން ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބިލަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ ބިލަށް ތާއީދު ނުކުރައްވާކަމަށެވެ.
އެމްޑީޕީ މެންބަރުން މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ގާނޫނުއަސާސީއަށް އިސްލާހް ގެނައުން އަދި މާ އަވަސްކަމަށެވެ. އަދި ކައުންސިލްތަކުގެ އިންތިހާބުގެ މުއްދަތު ތިން އަހަރަށް އޮތުމުން، ރައްޔިތުންނަށް ހިދުމަތްނުދޭ ކައުންސެލަރުން ކުރު މުއްދަތެއްގައި ބަދަލު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާ ކަމަށާއި، ހަރަދު ކިތަންމެ ބޮޑުވިޔަސް ނުކޮށް ނުވާނެ ކަންތައްތައް ހުންނާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
ޑީއާރުޕީގެ މެންބަރުން ވިދާޅުވީ، މި އިސްލާހަކީ ގާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހެއް ކަމަށެވެ. އަދި ގާނޫނުއަސާސީއަށް އިސްލާހް ގެނައުން މާ އަވަސްކަމަށް ބައެއް މެންބަރުން ވިދާޅުވާއިރު، ކުރިން އޮތް ގޮތް ބަދަލުކޮށް، ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް އިސްލާހް ގެނެވޭ ގޮތަށް، ގާނޫނު އަސާސީ ބަދަލު ކުރީ ވެސް އަވަހަށް އިސްލާހް ގެންނަންޖެހޭ ވަގުތުތަކުގައި އެކަން ކުރުމަށް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީގައި ވެސް ގޯސްކަމެއް އޮވެއްޖެނަމަ ނުވަތަ އެ ވަގުތަކަށް ބަލައި އިސްލާހް ގެންނަންޖެހޭ ކަމެއް އޮތްނަމަ އެކަން ގަބޫލުކޮށް އިސްލާހް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެ އެ ބިލް ފާސްކުރަން ވޯޓުދެއްވުމަށް އެމްޑީޕީގެ މެންބަރުންގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ގެންދެވި އެވެ.
މި ބިލަށް ފަހުބަސް ވިދާޅުވަމުން ބިލު ހުށަހެޅުއްވި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ، މިއީ ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމުގެ މަތިން ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ. އަދި އިސްލާހް ހުށަހެޅުއްވި ބައެއް ސަބަބުތައް ހާމަ ކުރައްވައި، ގާނޫނު އަސާސީއަށް މި އިސްލާހް ގެންނަން ބޭނުންވާ 58 ވޯޓު ދެއްވުމަށް ވެސް މެންބަރުންގެ ކިބައިން އާމިރު އެދިވަޑައިގެންނެވި އެވެ.
ފަހު ބަހަށްފަހު، މި ބިލު ރައްޔިތުންގެ މަޖިލީހަށް ވަނީ ބަލައިގެންފަ އެވެ. ނަމަވެސް މި ބިލަކީ، ގާނޫނު އަސާސީއަށް އިސްލާހް ގެނައުމަށް ފުރަތަމަ ހުށަހެޅުނު ބިލުކަމުން ބިލު ދިރާސާ ކުރުމަށް ގެންދާނެ ކޮމިޓީއަކާ މެދު ހިޔާލުތަފާތުވުން ތަކެއް އުފެދުމަށްފަހު، އެގާރަ މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ބިލު ގެންދިއުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.