22 Sep 2019, 13:34
ކުރީ ސަރުކާރުގައިވެސް ހުންނެވި ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިނުކޮށް ޓެރަރިޒަމް ގާނޫނަށް ބޮޑެތި ބާރުތަކެއް ދޭތީ ކަންބޮޑުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ޓެރަރިޒަމްގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ވަނީ ހުށަހަޅާފަ އެވެ. އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި މިއަދު ވާހަކަފުޅު ދައްކަވަމުން ސިރާޖު ވިދާޅުވީ އަދިވެސް ޕީޖީގެ މަގާމުގައި ހުންނެވީ ކުރީ ސަރުކާރުގައި ޓެރަރިޒަމްގެ ގާނޫނޫ ނުބައިކޮށް މާނަކޮށް ސިޔާސީ ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރި ޕީޖީ ކަމަށެވެ.
"ޕްރޮސެކިއުޓަ ޖެނެރަލްގެ އަތްމައްޗަށް މި ބާރުތައް ދިނުމަކީ އަޅުގަނޑު ކަންބޮޑުވާ ކަމެއް. މި މަޖިލީހުން އަޅުގަނޑު އުންމީދުކުރާ ގޮތުގައި ޕްރޮސެކިއުޓަ ޖެނެރަލް ވަކި ކުރެވިގެން ދާނެ. އާ ޕްރޮސެކިއުޓަ ޖެނެރަލަކާ އެކީގައި ނޫނީ މިފަދަ ބާރުތަކެއް ދިނުމަކީ އަޅުގަނޑުގެ ނަޒަރުގައި ހަމަ ކަންބޮޑުވާން ޖެހޭނެ ކަމެއް." މޫސާ ސިރާޖު ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވީ ޕީޖީ ބިޝާމް މަގާމުގައި ހުންނަވައިގެން ސިޔާސީ ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތު ކުރުމަށް ވަކާލާތު ކުރެއްވީ އަސާސީ ހަގުތަކަށް އެއްވެސް މިންވަރަކަށް ބެލުމެއް ނެތި ކަމަށެވެ.
އޭގެ އިތުރުން ސަރުކާރުން ހުށަހަޅާފައިވާ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވެސް ބަދަލު ގެންނަން ޖެހޭ މުހިންމު ކަންތައްތަކެއް ހުރިކަން ސިރާޖު ފާހަގަކުރެއްވި އެވެ. އެގޮތުން ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލާ ހައްޔަރުކޮށް 48 ގަޑިއިރު ކޯޓަށް ހާޒިރު ނުކޮށް ބަންދުކޮށްފައި ބޭންދޭ ގޮތަށް އިސްލާހުގައި ބަޔާންކޮށްފައި އޮތް އޮތުން ބަދަލުކުރަން ޖެހޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.
"ގާނޫނުއަސާސީގައި 24 ގަޑިއިރު ބަޔާންކޮށްފައި އޮންނަނީ ވަކި ސަބަބުތަކެއް ހުރެގެން. އަދި މި ބިލުގައި މި ބަޔާންކުރާ 48 ގަޑިއިރަށް ދާންޖެހޭ ސަބަބެއް ނެތް ކަމަށް އަޅުގަނޑަށް ފެންނަ ކަމަކީ ކޯޓު އަމުރެއް ނެތި އެބަ ހައްޔަރުކުރެވޭ އަދި ހައްޔަރުކޮށްފައި ބަންދުގައި ބަހައްޓަން ފަނޑިޔާރު ކަނޑައަޅާއިރުގައި ކަނޑައަޅަންޖެހޭ މިންގަނޑުތަކަށްވެސް މިއޮތީ ބަދަލުތަކެއް ގެނެވިފަ. އެހެންކަމަށް ވަނީ ނަމަ އިތުރަށް 48 ގަޑިއިރަށް ބަދަލު ކުރުމަކީ އަޅުގަނޑަށް ފެންނަ ކަމެއް ނޫން." މޫސާ ސިރާޖު ވިދާޅުވި އެވެ.
އޭގެ އިތުރުން ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންނަށް އިތުބާރު ނުކުރެވޭއިރު ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފި ނަމަ ދެން ވާނެ ގޮތަކާއި މެދު ވިސްނާލަންޖެހޭ ކަމަށެވެ. އަދި ކޯޓު އަމުރަކާ ނުލާ މީހަކު ހައްޔަރު ކުރަން ހުއްދަ ދެވޭ ރޭންކަކީ ސަބް އިންސްޕެކްޓަ ރޭންކަށް ވުމަކީ ކަންބޮޑުވާނެ ޖެހޭ ކަމެއް ކަމަށް ސިރާޖު ވިދާޅުވި އެވެ.
މާލޭގައި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކޯޓު އަމުރަކާ ނުލާ މީހަކު ހައްޔަރު ކުރުމަށް ސަބް އިންސްޕެކްޓަ އޮފް ޕޮލިސްގެ ރޭންކަށް ވުރެ މަތީ ރޭންކުގެ މީހުންނަށް ހުއްދަ ދެވޭ ގޮތަށް ހަދަން ޖެހޭ ކަމަށް ސިރާޖު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ނޫން ގޮތަކަށް އެ ބާރު ދެވިއްޖެ ނަމަ ބާރު ނަހަމަ ގޮތުގަިއ ބޭނުން ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގައި ޓެރަރިޒަމް އަމަލު ހިންގާ ފަރާތްތަކަށް ކުށް ސާބިތު ކުރާ މިންގަނޑު ކުޑަ ކުރުމަށް ހިމާނާފައިވާއިރު މާ ބޮޑަށް އެ މިންގަނޑު ކުޑަވެގެން ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ސިރާޖު ވިދާޅުވި އެވެ.
"މީހަކު ބަންދު ކުރާއިރު އެކަށީގެންވާ ހެކިތަކެއް ހުންނަންޖެހޭ. ދައުލަތުގެ ޒިންމާއެއް އެކަމާ ގުޅޭ ހެކިތައް ހޯދުމަކީ." ސިރާޖު ވިދާޅުވި އެވެ.
ޓެރަރިޒަމް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުގައި ވާގޮތުން ޓެރަރިޒަމްގެ ކުށް ވަނީ ވަރަށް ބޮޑަށް ތަފްސީލުކޮށްފަ އެވެ. އަދި ފުޅާކޮށް ޓެރަރިޒަމް މާނަކޮށްފައިވެސް ވެ އެވެ. އެގޮތުން ހަނގުރާމައަށް ދިއުން، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުން ނުވަތަ އެފަދަ ބަޔަކާ ގުޅުން ބޭއްވުމަކީވެސް ޓެރަރިޒަމްގެ ކުށެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.