ކަމެއް ދިމާވުމުން އަބަދު ވެސް ރައީސް ޔާމީންގެ ސަރުކާރުގެ ބޮލުގައި ބަނދުނާމު އަޅުވައި، ކަންތައް ސިޔާސީ ކުރުން ހުއްޓާލަން ވެއްޖެ ކަމަށް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބައެއް އިދާރާތަކާއި ބައެއް ކައުންސިލްތަކުން މީގެ ކުރިން ބުނެފައި ވަނީ، ކުރީގެ ސަރުކާރުގެ އިހުމާލު، ކަންތައްތަކުގައި އޮތުމުން އެކަންކަން ރަނގަޅުކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ރޭ އެ ކޯލިޝަން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، މި ސަރުކާރަށް ކަންތައްތައް ރަނގަޅު ކުރުމަށް އެކަށީގެންވާ ދުވަސް ލިބިއްޖެ ކަމަށާއި ކަމެއް ރަނގަޅު ނުކުރެވުން، ކުރީ ސަރުކާރުގައި ކަންތައް ނުވި ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ ކަމަށެވެ.

"ވާރޭ ވެހުނީމަ ދެން ވެސް އެކަންތައް ތަކުލީފަކަށް ނުވާނެ ގޮތަަކަށް ފެން ހިންދުމަށް މަސައްކަތް ކުރުން ނޫންތޯ ދެން އޭގަ އޮންނާނެ ގޮތަކީ. ކުރީ ސަރުކާރުން ގާއިމުކޮށްފައިވާ ނިޒާމް ރަނގަޅު ނުވާނަމަ، މި ސަރުކާރުން އެއަށް ވުރެ ވަރުގަދަ ނިޒާމެއް ނޫންތޯ ރަނގަޅު ކުރަންވީ. އެ ނިޒާމަށްވުރެ ރަނގަޅު ނިޒާމެއް ގާއިމު ކުރުމުގެ ފުރުސަތު މި ސަރުކާރަށް އެބަ އޮތެއް ނޫންތޯ. ދިހަ މަސް ވެގެން ދިޔަ އިރު،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، މި ސާރުކާރު ވެސް އައީ ރައްޔިތުންނަށް ވައުދުތަކެއް ވެެގެން ކަމަށާއި ވެރިކަމާ ހަވާލުވާނީ އެ ވައުދުތައް ފުއްދުމަށް ތައްޔާރުވެގެން، ވައުދު ފުއްދުމަށް ހަދަން ޖެހޭ ޕްލޭންތަކާ އެކު ކަމަށެވެ.

"ދިހަ މަސް ލިބިގެން ދިޔަ ނޫންތޯ، މި ހުރިހާ ކަމެއް ރަނގަޅު ކުރަން. އެއްވެސް ކަހަލަ ބަހަނާއެއް ދެއްކުމުގެ ފުރުސަތެއް ނެތެއް ނޫންތޯ. އެހެންވީމަ، މިހާރު މިކަހަލަ ދެކޮޅު ނުޖެހޭ ކަންތައް ހުއްޓާލާފައި، ރައްޔިތުންނަށް ހިދުމަތް ކުރަން މި ބޭފުޅުން އެ ބަޖެހޭ ނުކުންނަން،" މުއިއްޒު ވިދާޅުވި އެވެ.

މާލެއަށް ބޯކޮށް ވާރޭ ވެހިއްޖެ ނަމަ އާންމުކޮށް ފެންބޮޑުވާ މައްސަލަ އަކީ ބޮޑު މައްސަލައެކެވެ. އިއްޔެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަންސިލުން ބުނެފައި ވަނީ، މާލޭގެ މަގުތަކުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޕްރޮޖެކްޓެއް މިހާރު ރާވަމުންދާ ކަމަށާއި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް މިއަހަރު ތެރޭ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"ގުދަންތައް ހުންނަން ޖެހޭނީ އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރެވިފައި"

މާލޭގައި ހުރި ގުދަންތަކާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މުއިއްޒު ވިދާޅުވީ، މާލޭގެ ހުޅަނގު އުތުރު ފަރާތުން ހަތް ހެކްޓަރުގެ ބިން ހިއްކީ، މާލޭގައި މީހުންނަށް އުނދާގޫވާ ގޮަތަށް ހުރި ގުދަންތައް ބަދަލު ކުރަން ކަމަށެވެ. އިންޑަސްޓްރިއަލް ޒޯންގެ ގޮތުގައި އެ ސަރަހައްދުގައި ގުދަން އަޅަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރީގެ ސަރުކާރުން ފުރިހަމަކުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ހުރިހާ ކުރެއްހުމެއް ހަދައި، ޕްލޭން ކުރެވި، ސަރުކާރުގެ 100 ޕަސަންޓް ހިއްސާ އޮންނަ ކުންފުންނި އެމްޕީއެލްއާ ހަވާލު ކުރެވި، އެމްޕީއެލް އިން އެއަށް ފައިސާ ހޯދައި، މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މަސައްކަތެއް މީ[ގުދަން ބަދަލު ކުރަން]." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، މި ސަރުކާރަށް 10 މަސް ވެގެން ދިޔަ އިރު، އަކަންތައް އޮންނަން ވާނީ ފުރިހަމަ ވެފައި ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވީ، މާލޭގައި ހުރި ކެމިކަލް ގުދަންތައް މީހުން ދިރިނޫޅޭ ސަަރަހައްދަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ވީހާވެސް އަވަހަކަށް ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

އިއްޔެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ވިދާޅުވެފައި ވަނީ، ބޮޑެތި ކެމިކަލް ގުދަންތައް ހެދުމަށް ތިލަފުށި އަދި ގުޅީފަޅުން ބިން ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.