މާލެ އަށް މިދިޔަ ދެދުވަހު ވެހުނީ އެސިޑް ވާރެއެއް ނޫން ކަމަށާއި މާލެއަށް ވެހޭ ވާރޭގައި ވިހަ މާއްދާއެއް ނެތް ކަމަށް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފި އެވެ.

މާލޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ، ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާ ހިނގިފަހުން ވެހެން ފެށި ވާރޭ އަކީ "އެސިޑް ވާރޭ" ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުުކުރި އެވެ.

އެކަމާ ގުޅިގެން ޑްރަގް އޮތޯރިޓީން މިއަދު ބުނީ، އާންމުގެ މެދުގައި ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން އިއްޔެ މާލެއަށް ވާރޭ ފެނުން ސާމަޕް ނަގައި އެ ފެން ޓެސްޓް ހެދި ކަމަށެވެ. އަދި އެ ޓެސްޓްތަކުގެ ނަތީޖާ ދައްކާ ގޮތުން އެ ފެނުގައި އެސިޑް ނޫނީ އެހެން ވެސް ވިހަ މާއްދާއެއްގެ އެއްވެސް އަސަރެއް ނެތް ކަަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ވަރަށް ގަދަޔަށް ދުން އަރައި އެ ދުމުގެ އަސަރު މުޅި މާލޭގެ ބޮޑު ބަޔަކަށް ފޯރި އެވެ. އަދި އިއްޔެ ރެޔާ ހަމައަށް ވެސް އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ދުމުގެ އަސަރު ހުއްޓެވެ.

އެ ސަރަަހަދަށް ދާއިރު މާސްކު ބޭނުން ކުރުމަށް ވެސް ވަނީ އެދިފަ އެވެ.