މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން، މާލޭގައި އަޅަން ޖެހޭ އެންމެހާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަަޅައި ބަހުސް ފަށައިފި އެވެ.

ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ މިއަދު ފެށުމާ އެކު ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެތައް ގެއެއް އަނދައި ހުލުވެ އެކަކު ނިޔާވެ ދިޔުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި އެކަމުގެ ޒިންމާވާން ޖެހޭ ބައެއް ތިބެން ޖެހޭނެ ކަމަށެވެ. އަދި އެ މައްސަލައިގައި ގޮވާލާފައިި ވަަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި މުދަލުގެ ރައްކާތެރި ކަމަށް އަޅަން ޖެހޭ އަވަސް ފިޔަވަޅުތައް ސަރުކާރުން ވަގުތުން ވަގުތަށް އެޅުމަށެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން އެ ވަގުތު ޖަލްސާގައި ތިއްބެވި 50 މެންބަރުން ވޯޓްދެއްވި އެވެ.

އެ މައްސަލައަށް ވާހަކަ ދައްކަވަމުން އަބްދުﷲ ޖާބިރު ވިދާޅުވީ، ދިވެހި ސިފައިންގެ އަތުގައި އަލިފާން ނިންވުމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް ނެތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ޖާބިރު ވިދާޅުވީ މަތިން ހެލިކޮޕްޓަރު ނޫނީ ބޯޓެއްގައި ފެން ނޫނީ ފޯމް ޖަހައިގެން ވެސް އަލިފާން ނިއްވޭނެ ވަސީލަތްތައް ދިވެހި ސިފައިންގެ އަތުގައި ހުންނަން ޖެހޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ކޮންމެ ފަހަރަކު އަލިފާނުގެ ހާދިސާއެއް ހިގާއިރު އެއާޕޯޓްގެ ފަޔާ ލޮރީ ގެނެސްގެން އެކަން ކުރަން ޖެހޭ ނަމަ އެއީ ކަންބޮޑުވުމެއް ކަމަށެވެ.