22 Sep 2019, 09:15
މި އަހަރު ފެބްރުއަރީ މަހު ނެރުނު ކާމިޔާބު ފިލްމު "ގަލީ ބޯއީ" އޮސްކާ އެވޯޑަށް ވާދަކުރަން ނިންމައިފިއެވެ.
ބޮލީވުޑް ފިލްމުތަކުގެ ތެރެއިން އެ ފިލްމު އޮސްކާ އެވޯޑަށް ވާދަކުރުމަށް ހުށައެޅީ އިއްޔެއެވެ. ޒޯޔާ އަޚްތަރު ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ ލީޑު ތަރިންނަކީ އާލިއާ ބަޓް އަދި ރަންވީރު ސިންހްއެވެ.
އެ ފިލްމު ވާދަކުރާނީ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމުގެ ކެޓަގަރީއިންނެވެ. އެ ފިލްމުގެ ނަން ހުށައެޅުމާއެކު ފިލްމުގެ ޓީމުން އަންނަނީ ވަރަށް ބޮޑަށް އުފާފާޅުކުރަމުންނެވެ.
ކަރަން ޖޯހަރު ބުނީ މި އަހަރުތެރޭ ބެލުނު އެންމެ ރީތި ފިލްމަކީ ގަލީ ބޯއީ ކަމަށާއި އެ ފިލްމު ރަން ވަނައެއް ހޯދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ގަލީ ބޯއީ'ގައި ރަންވީރު ފެނިގެންދާނީ 'މުރާދު' ކިޔާ އިންޑިއާގެ މުމްބާއީގެ ސްލަމް އަށް ނިސްބަތްވާ ރެޕާ އެއްގެ ރޯލުންނެވެ. އެ ފިލްމަކީ އިންޑިއާގެ އަންޑަގުރައުންޑް ރެ ރެޕް އާޓިސްޓުން ކަމުގައިވާ ޑިވައިން އަދި ނޭޒީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދައިފައިވާ ފިލްމެކެވެ.
އާލިއާ އާއި ރަންވީރު ވަނީ ނިމިދިޔަ އައިފާ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުންގެ މަގާމަށް ހޮވިފައެވެ.