ސާކް ބްރޯޑްކާސްޓް ކުރުމުގެ ދުވަހެއް ފާހަގަ ކުރުމަށް ދިވެހިރާއްޖެއިން ހުށަހެޅި ހުށަހެޅުން ސާކްގެ ގައުމުތަކުން ފާސްކޮށް "ސާކް މީޑިއާ ދުވަސް" ގެ ނަމުގައި ދުވަހެއް ފާހަގަ ކުރަން ނިންމައިފި އެވެ.

ސާކް ބްރޯޑްކާސްޓް ކުރުމުގެ ދުވަސް ފާހަގަ ކުރުމަށް ފާސްކޮށްފައި ވަނީ އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓްގަ އެވެ. ނަމަވެސް މި ދުވަސް ފާހަގަ ކުރާނެ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

މޯލްޑިވެސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފަދަ ދުވަހެއް ފާހަގަ ކުރުމުގެ މަގުސަދަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ އަލީގައި ގައުމު ބިނާކުރުމާއި، މުޖުތަމައު ބިނާ ކުރުމާއި، އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމް ކުރުމުގައި މީޑިއާގެ ދައުރާއި މަސްއޫލިއްޔަތުތަކުގެ އަގު ވަޒަންކޮށް، މީޑިއާގެ ތަރައްގީއަށް ސަރަހައްދީ ފެންވަރުގައި އެއްބައިވަންތަ ކަމާއެކު އެއްބާރުލުންދީ ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ ސަބަބުން މީޑިއާ މެދުވެރިކޮށް ސާކް ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާ ވެގެންދާނެ ކަމަށާއި، ސާކް ގައުމުތަކުގެ ދާއިރާގެ މެދުގައި މައުލޫމާތު ބަދަލުކޮށް ސާކް ސަރަހައްދުގައި ބްރޯޑްކާސްޓް އަދި މީޑިއާ ތަރައްގީ ކުރުމަށް އެޅޭ ބާރަކަށް ވެގެންދާނެ ކަމަށެވެ.

ސަތާރަ ވަނަ ސާކް ސަމިޓުގެ ޝިއާރު ކަމުގައިވާ "ބިލްޑިން ބްރިޖަސް" ގެ ދަށުން ތަފާތުތައް ނައްތާލައި އެއްބައިވަންތަކަމުގެ މާނައިގައި މީޑިއާ މެދުވެރިކޮށް ފާހަގަކުރާ "ސާކް މީޑިއާ ދުވަސް" ވެގެންދާނީ ސާކް ގައުމުތަކުގެ މީހުންގެ މެދުގައި ސަގާފަތް ދެނެގަތުމުގެ ކުރިއަރުވައި، އެއްބަޔަކު އަނެއްބަޔަކާ ގުޅުވައިދޭ މެދުވެރިއަކަށް ވެގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.