އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބޮލަށް ސަވާރުވާން މަސައްކަތް ކުރެއްވިކަމަށް އެމެރިކާގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ސެކެޓްރީ އޮފް ސްޓޭޓްގެ މަގާމު ފުރުއްވި ޓިލާސަން، މަގާމުން ވަކިކުރީ ޓްރަމްޕާ އޭނާއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަކާ ހެދި އެވެ.

ހާވާޑް ޔުނިވާސިޓީގައި ދެއްވި ތަގުރީރެއްގައި ޓިލާސަން ވިދާޅުވީ ދޮގު ވާހަކަތައް ދައްކައިގެން ނަތަންޔާހޫ ޓްރަމްޕްގެ ބޮލަށް ސަވާރުވާން މަސައްކަތް ކުރި ކަމަށެވެ.

ޓިލާސަން، ނަތަންޔާހޫ ސިފަކުރެއްވީ ވަރަށް އަޑި ނުބައި ، ސިޔާސީ ގޮތުން ވަރަށް ހުނަރުވެރި ނުލަފާ ބޭފުޅެއްގެ ގޮތުގައެވެ. ޓިލާސަން ވިދާޅުވީ، ދޮގުވާހަކަތައް ނަތަންޔާހޫ ޓްރަމްޕްގެ އަރިހުގައި ދައްކަވަނީ އިސްރާއިލުން ބޭނުންވާ ގޮތަށް އެމެރިކާއަން ކަންތައްތައް ކުރުވުމުގެ ބޭނުމުގައި ކަމަށެވެ.

" ވަރަށް ގިނައިން ނަތައްޔާހޫ އެ ކުޅި ކުޅެއްވި. ނަތަންޔާހޫ އަބަދުވެސް ވިދާޅުވާނެ އިސްރާއިލަކީ ރަނގަޅު ބައެކޭ. ނަމަވެސް އެހެން މީހުން (އިސްރާއިލުގެ ދުޝްމަނުން) ނަކީ ނުބައި ބައެކޭ. ފަހުން އަޅުގަނޑު ރައީސްއަށް ދެންނެވިން ނަތަންޔާހޫގެ ދޮގުތައް. އަޅުގަނޑު ދެންނެވިން ނަތަންޔާހޫ މޮޔަ ހައްދަނީއޭ ޓްރަމްޕް. ޓްރަމްޕް އެކަން ގަބޫލު ކުރެއްވި " ޓިލާސަން ވިދާޅުވި އެވެ.

ފަލަސްތީނުގެ ސުލްހައިގެ ޕްލޭންގައިވެސް ޓިލާސަން އެކެހެރިކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ޕްލޭންގެ ހުރިހާ ކަމަކާ އިސްކޮށް އުޅުއްވީ ޓްރަމްޕް ދަނބި ދަރިފުޅު ޖެރެޑް ކުޝްނާއެވެ. ޖެރެޑްއަކީ ނަަތަންޔާހޫއާ ވަރަށް ބޮޑަށް ގުޅުން އޮންނަ ބޭފުލެއްވެސް މެއެވެ.

ކުޝްނާ ވަނީ ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް " ގަރުނުގެ އެއްބަސްވުން" ނަމުގައި ޕްރޮޕޯސަލެއްވެސް ހުށަަޅާފައެވެ. ނަަމަވެސް ފަލަސްތީނުން ބުނީ އެ ޕްލޭން ބަލައިނުގަންނާނެ ކަމަށެވެ.

ޓިލާސަންގެ ތުހުމަތުތަކަށް ރައްދުދެއްވައި ނަތަންޔާހޫ ވިދާޅުވީ އޭގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.