މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި، ބިދޭސީން ހާއްސަކޮށް ބަނގުލަދޭޝް މަސައްކަތްތެރިން ދިވެހިންނަށް އެހީވުމަށް ކޮށްދިން މަސައްކަތްތަކަށާއި އިހުސާންތެރިކަމަށް އެތަކެއް ދިވެހިންގެ ތައުރީފް ބަސްތައް ސޯޝަލް މީޑިއާގައި އަމުނަން ފަށައިފި އެވެ.

އަލިފާނުގެ ހާދިސާ ހިނގީ ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައ ރޯވެ، އެ އަލިފާންގަނޑު ކައިރީ ހުރި ގެތަކަށް ފެތުރި ހުޅުގަނޑު އިތުރަށް ވަރިގަދަވެ ފެތުރިގެން އެވެ. އަލިފާން ރޯވި ގެ ހުރި އަބަދަށް ފެހިމަގަކީ ހަނި މަގެކެވެ.

ހާދިސާ ހިނގިއިރު އެ މަގުގައި އަލިފާން ރޯވި ގުދަނާ ދިމާލަށްވާ ގޮތަށް މަގުގެ އަނެއް ފަރާތުގައި، ގޭގޭގެ ދޮރުމައްޗަށް ވާގޮތަށް އެއްވެސް ހުސްތަންކޮޅެއް ނެތި ސައިކަލުތައް ހުރީ ފުނި ފުންޏަށް ޕާކުކޮށްފަ އެވެ. އެކަމާހުރެ އަލިފާން ނިއްވަން އެތަނަށް ދިޔަ ފަޔާ ލޮރީތަކަށް އެމަގަށް ނުވަދެވި އެތަކެއް އިރެއް ވަންދެން ތާށިވެފައި އޮންނަން ޖެހުނީ އެވެ.

ސައިކަލްތަކުން މަގު ސާފުކޮށް ފެން ލޮރީއަށް މަގު ހަދައިދިނުމުގައި ބަނގުލަދޭޝްގެ މަސައްކަތްތެރިންގެ ރޯލު ބޮޑެވެ. އެ މީހުން ވަރަށް ހީވާގި އެވެ. އެ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދޭން ޖެހެ އެވެ. އެއީ ދިވެހީން ދެއްކި އެއްބައިވަންތަކަމަށް ވުރެ ވަކިން ކުޑަކެމެއް ނޫނެވެ.

އަލިފާނުގައި ސައިކަލްތަކަށް ގެއްލުންވެފައި-- ފޮޓޯ: އާރުޓީ މޯލްޑިވްސް/ ޓުވިޓާ

މަގު ހުސްކުރުމުގެ ގޮތުން، އެ މަގުގައި ތިބި ބަނގުލަދޭޝްގެ މަސައްކަތްތެރިން އެމީހުން ހިންގާ ކެފޭއެއްގެ ތެރެއަށް ބައެއް ސައިކަލްތައް އުފުލައިގެން ގެންގޮސް ވައްދަން ކުރި މަސައްކަތަކީ ސާބަސް ދޭންޖެހޭވަރުގެ ކަމެެކެވެ. އެ އަލިފާން ރޯވި ގުދަނުގެ ކުރިމަތީގައި ހުރި ގެއަށް އަލިފާން ބޮޑަށް ފެތުރިގެން ދިޔުމަށް ދިމާވީ ވެސް ބުރައިގެން އަައި އަލިފާންތައް ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި ރޯވެގެން އެވެ.

ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯއެއްގައި ފެންނަ ގޮތުން އެ ހާދިސާ ހިނގ ކުރީކޮޅުު ފެން ހޮޅީގެ ކޮޅުގައި ހިފަހައްޓައިގެން އެންމެ ކުރީގައި ހުރީވެސް ބިދޭސީއެކެވެ.

"މީ އަހަރުންނާ، މިގައުމުގައި ތިބެގެން އަހަރުމެން މައްސަލަ ބޮޑުކުރާ ބޮންދުންގެ ތަފާތު،" ބަނގުލަދޭޝް މީހުންގެ މަސައްކަތަށް ތައުރީފްކޮށް ޓުވިޓާގައި މީހަކު ބުންޏެވެ.

ހާދިސާ ހިނގިރޭ ގެއެއްގައި ތާށިވެފައި ތިބި ތިން މީހަކު ސަލާމަތް ކުރުމަށް ބަނގުލަދޭޝް މީހުން ކުރި މަސައްކަތަށްވެސް އެތައް ބައެއްގެ ތައުރީފް އެބަ އޮތެވެ.

އެގޮތުން ހ. ކަޅުހުރާ ގޭގެ ތިން މީހަކު އަލިފާނުން ސަލާމަތްވުމަށް އެގޭގެ ފަސް ވަނަ ބުރިން ޖެހިގެން ހުރިގޭގެ ފުރާޅަށް ފުއްމާލުމަށް އެހީތެރިވެދިނީވެސް ހަމަ ބަނގުލަދޭޝް މީހުންނެވެ.

"ތި ކޮށްދިން ރީތީ އޯގާތެރި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. އުއްމީދުކުރަން އަޅުގަނޑުމެން ދިވެހިންވެސް ބަނގުލަދޭޝް މީހުންނާ ދޭތެރޭ ދިވެހިންވެސް މިފަދައިން ކަންތައްކުރާނެ ކަމަށް" ފޭސްބުކްގައި މީހަކު ޝުއޫރު ފާޅުކުރި އެވެ.

އެ ހާދިސާ ހިނގި އަބަދަށް ފެހި މަގަކީ ގިނަ އަދަދެއްގެ ބަނގުލަދޭޝް މީހުންތަކެއް ދިރިއުޅެމުން ދިޔަ ހިސާބެއްވެސް މެއެވެ. އަދި ގުދަންތައް ވެސް ގިނަ ހިސާބެކެވެ. އަލިފާންގަނޑު ފެތުރެން ފެށުމާ އެކު އެމްއެންޑިއެފްގެ އިރުޝާދުގެ ދަށުން އެ ސަރަހައްދުގައު ހުރި ބައެއް ގުދަންތައް ހުސްކުރުމުގެ މަސައްކަތުގައި ދިވެހިންނަށް ވުރެވެސް ހީވާގިކޮށް ބިދޭސީން އުޅުނެވެ.

އެ ހިސާބުގެ ގެތަކުގައި އަލިފާން ރޯވުމުން މަގުމަތިވި މީހުންގެ ތެރޭގައި އެމީހުންވެސް ހިމެނެ އެވެ. މަގުމަތިވި ދިވެހިންނެކޭ އެއްގޮތަށް 100 އެއްހާ ބިދޭސީންނަށް ސަރުކާރުން ވަނީ ވަގުތީ ހިޔާވަހިކަމެއް ދީފަ އެވެ.